ހަނިމާދޫ އެއަރޕޯޓުގެ ސަލާމަތީ މިންގަނޑު މިހާރަށްވުރެ ވަރުގަދަކުރާނަން: އެމްއޭސީއެލް

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާ ހަވާލުވުމަށްފަހު، އެ އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަކުރާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ބައްދަލުވުމެއްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވި ގޮތުގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބައްދަލުވުމުގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު ފަސީހާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ ޚަރަދުކޮށްގެން ތަރައްޤީކުރަމުންދާ މި އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެންމެ ލަސްވެގެން އަންނަ ނޮވެމްބަރު މަހު ބޭނުންކުރަން ފެށޭނެއެވެ. މި އެއަރޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރަށް ތަރައްޤީކުރެވޭ އެއަރޕޯޓެކެވެ.

މި މަޝްރޫޢު ނިމުމުން، އޭ320 އަދި ބޮއިންގް 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއްފަހަރާ 9 ފްލައިޓް ޕާކުކުރެވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. މީގެ ތެރޭގައި 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންދާ ބޯޓު ހިމެނެއެވެ.

ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ 10،380 އަކަމީޓަރުގެ ޒަމާނީ އައު ޓަރމިނަލްގައި ދެ ފަންގިފިލާ ހިމެނެއެވެ. އެގޮތުން އެތެރޭގެ އުދުހުންތަކަށް ތިރީ ފަންގިފިލާ އަދި އިންޓަރނޭޝަނަލް ދަތުރުތަކަށް މަތީ ފަންގިފިލާ ބޭނުންކުރެވޭނެއެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހުންނައިރު، އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ މި އެއަރޕޯޓުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ