ހެލްތު މިނިސްޓްރީ - ފޮޓޯ: މިހާރު

މިއަހަރު ރާއްޖެއިން ފެނިފައިވަނީ ޖުޒާމުބަލި ޖެހިފައިވާ ތިން މީހުން: އެޗްޕީއޭ

މިއަހަރު ރާއްޖެއިން ފެނިފައިވަނީ ޖުޒާމުބަލި ޖެހިފައިވާ ތިން މީހުންކަމަށް ހެލްތު ޕްރެޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ޖުޒާމުބައްޔަށް ސްކްރީން ކުރަންވަނީ ފެށިފައެވެ. އެގޮތުން ގދ. ފަރެސްމާތޮޑާގައި ސްކްރީނިން ޕޮރޮގްރާމްވަނީ ފެށިފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ޖުޒާމުބަލި މުޅިން އެއްކޮށް ނައްތާލުމަށްޓަކައި މިއަހަރު ޖޫންމަހު ފެށިފައިވާ "ޒީރޯ ލެޕްރަސީ" މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ޖުޒާމުބައްޔަށް ސްކްރީންކުރުން ފެށިފައިވާކަމަށެވެ.

އެގޮތުން ސްކްރީން ކުރުމުގެ ބޭނުމަކީ އާބާދީގައި ބަލި ހުރި މީހަކު ވޭތޯ ދެނެގަނެ ފަރުވާ އަވަހަށް ފެށުމެވެ.

ޖުޒާމުބައްޔަކީ މިހާރުވެސް ރާއްޖޭގައި މަދުން ނަމަވެސް ފެންނަމުންދާ ބައްޔެއްކަމަށް އެއެޖެންސީއިން ވިދާޅުވެފައިވާއިރު، ބަލި ނައްތާލުމަށް ދުނިޔޭގެ ސިއްޙާތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް މަދުކުރެވިފައިވާކަމަށް 1997 ގައި ފާހަގަކުރައްވާފައިވެއެވެ.

"ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެއިން އެވްރަޖްކޮށް ފެނިފައިވަީ އަހަރަކު 3-7 ބަލިމީހުން. މިއަހަރު މިހާތަނަށް ފެނިފައިވަނީ ޖުޒާމުބަލި ޖެހިފައިވާ 3 މީހުން." އެޗްޕީއޭއިން ވިދާޅުވިއެވެ.

ޖުޒާމުބައްޔަކީ ބަލި ހުރިކަން ދެނެގަނެ އަވަހަށް ފަރުވާ ފެށި ޤަވާޢިދުން ބޭސް ބޭނުން ކުރުމުން އެއްކޮށް ފަސޭޙަ ކުރެވޭ ބައްޔެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ