ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 475 މިލިޔަން ރުފިޔާ ހޯދައިފިއެވެ.
އެ ބޭންކުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި ނަތީޖާއަކީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން ދައްކުވައިދޭ ކަމެއްކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލްއިން އާންމުކުރި ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %10 ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބީއެމްއެލަށް ލިބިފައިވަނީ 718 މިލިޔަން ރުފިޔާއެވެ. ނަމަވެސް، ސާފު ފައިދާގެ ގޮތުގައި ލިބުނު 475 މިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 492 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، 3.4 އިންސައްތަ ދަށް އަދަދެކެވެ.
ބޭންކުގެ ޖުމްލަ ލޯނު ދޫކުރުން އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިޔަން ރުފިޔާ ބީއެމްއެލުން ވަނީ ދޫކޮށްފައެވެ. ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިޔަން ރުފިޔާއަށް އަރައެވެ. މާލީ ހަރުދަނާކަން ދައްކުވައިދޭ ގޮތުން، ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައެވެ.
މި ނަތީޖާތަކާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ކުއާޓަރުގައި މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކޮށް، އިތުރު ކުރިއެރުންތަކާއެކު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަކީ ފަޚުރުވެރިވާންޖެހޭ ކާމިޔާބީއެއް ކަމަށެވެ. "އަޅުގަނޑުމެން ފަޚުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން. މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް އަޅުގަނޑުމެން ފަޚުރުވެރިވޭ." ޝަރީފް ވިދާޅުވިއެވެ.
މި ކުއާޓަރުގައި ބީއެމްއެލްއިން ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން، ފެބްރުވަރީ މަހުން ފެށިގެން އެންމެ 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ވަނީ ނިންމާލައިފައެވެ. މީގެ އިތުރުން، ސްޓްރެޓިޖިކް ނިންމުމެއްގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެ، ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ވަނީ ބަދަލުކޮށްފައެވެ. މިކަމުގެ ސަބަބުން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚިދުމަތްތައް ފުޅާވެގެންދާނެއެވެ.



