ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި

ހަވާއެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ތިން އަހަރަށްފަހު ނިމުމަކާ ހަމައަށް އައި މި މަޝްރޫޢަކީ މުޅި އުތުރުގެ ތަރައްޤީއާއި ސަރަޙައްދުގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ވަރަށް މުހިންމު މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނިމާދޫއަށް މިރޭ ވަޑައިގަތީ މޯލްޑިވިއަންގެ އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއްގައެވެ. މިއީ ނެރޯ ބޮޑީގެ އެންމެ ބޮޑު އެއަރކްރާފްޓްތަކުގެ ތެރޭގައި ހިމެނޭ މަތިންދާބޯޓެއް ހަނިމާދޫއަށް ޖެއްސި ފުރަތަމަ ފަހަރުއެވެ. ހަނިމާދޫއަށް ނިސްބަތްވާ ޕައިލެޓަކާއެކު މި މަތިންދާބޯޓު ހަނިމާދޫއަށް ޖެއްސުމާއެކު އެއަރޕޯޓުން ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އަދި އެއިރޯ ބުރިޖުން ރައީސުލްޖުމްހޫރިއްޔާ ޓަރމިނަލަށް ފައިބާވަޑައިގަތުމާއެކު އެމްއޭސީއެލްއާއި، ސަރުކާރުގެ އިސްވެރިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ހަނިމާދޫ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސަރުކާރުގެ ވަޒީރުންނާއި، ބޮޑުތިލަދުންމަތީގެ އެކި ރަށްރަށަށް ނިސްބަތްވާ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމާއެކު، ކުލަގަދަ ހަވާ އެރުވުމާއި ލައިޓް ޝޯވއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އެއަރޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެކެވެ. އައު ޓަރމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރުން 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއްފަހަރާ 9 ފްލައިޓް (3 އެއަރބަސް އަދި 6 އޭޓީއާރް) ޕާކުކުރެވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް ވެސް މި އެއަރޕޯޓުގައި ޤާއިމުކުރެވިފައިވެއެވެ.

ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އައު ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. މީގެ ތެރެއިން އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށް ކަމަށްވާއިރު، މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަށާފައިވާއިރު، މި މަޝްރޫޢަކީ 136.6 މިލިޔަން ޑޮލަރު ނުވަަތަ ދެ ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ބިޔަ މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ