ހަނިމާދޫ އެއަރޕޯޓު ވެގެންދާނީ ބޮޑުތިލަދުންމަތީ ތަރައްޤީގެ ދޮރާއްޓަށް: ރައީސް

އަލަށް ހުޅުވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހދ. އަތޮޅާއި މުޅި އުތުރުގެ ތަރައްގީގެ ދޮރާއްޓަށް ވެގެންދާނެ މަޝްރޫޢެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެއަރޕޯޓް ހުޅުވުމަށް ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މި އެއަރޕޯޓަކީ ހަމައެކަނި ބިނާއެއް ނޫން ކަމަށާއި، މިއީ އުތުރުގެ އަތޮޅުތައް ތަރައްގީކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ހަނިމާދޫއަށް ކުރެއްވި ފުރަތަމަ ޒިޔާރަތުގައި އެއަރޕޯޓުގެ މަސައްކަތާ ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތައް އުފެދުނުކަން ފާހަގަކުރައްވާފައެވެ. އެ ދުވަހު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، މި ސަރުކާރުން ވަނީ މަޝްރޫއުގެ މަސައްކަތް ހަލުވިކޮށް، ކުރު މުއްދަތެއްގެ ތެރޭގައި %70 މަސައްކަތް ނިންމާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓަކީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި އުތުރުގެ އަތޮޅުތައް ތަރައްގީކުރުމަށް އެންމެ މުހިންމު ވަސީލަތް ކަމުގައެވެ. މި އެއަރޕޯޓާއެކު އުތުރުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ހުރިހާ ދާއިރާއަކުންނާއި އިޖުތިމާޢީ ގޮތުންވެސް ތަރައްގީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަލުވި މިނުގައި ހާސިލްކުރުމަށް މި ދޮރާއްޓަކީ ވަރަށް މުހިންމު ވަސީލަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުސަތުގެ ބޭނުން ފުޅާ މިނުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އުތުރުގައި ފަތުރުވެރިކަން ކުރިއަރުވަން ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށްވެސް ސަރުކާރުން ފަހި ފުރުސަތުތައް ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ރައީސް ވިދާޅުވީ މި ސަރަހައްދުގައި އިންވެސްޓްކުރުމަކީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް ކަމަށާއި، ސަރުކާރުން ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑު އެދެން އެންމެ ފުޅާ މިނުގައި ރާއްޖޭގެ ކުދި، ބޮޑު، މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަން ވަޑައިގަންނަވަން. މި ސަރަހައްދުގައި އިންވެސްޓް ކުރައްވަން. މި އޮޕަޯޗުނިޓީގެ ބޭނުން ހިއްޕަވަން. މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. ހުރިހާ ދާއިރާއަކުންވެސް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައު އެއަރޕޯޓާއެކު ހަނިމާދޫއަށްވެސް އެކި ގޮތްގޮތުން ތަރައްގީ އަންނާނެ ކަމަށާއި، މި އެއަރޕޯޓާއެކު ރާއްޖޭގެ އުތުރުގެ އަތޮޅުތައް ދުނިޔެއާ ގުޅުވައިދީ ޤައުމާއި ރައްޔިތުންނަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ހަނިމާދޫ އެއަރޕޯޓަކީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށްވެސް ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ