ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް، ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ ގުޅީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ބޭއްވީ އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުންނެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ. މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 85.81 މިލިޔަން ރުފިޔާއަށް، 510 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގިނަ އަދަދެއްގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 56،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، 324 މީޓަރުގެ ބޭރުތޮށި ލުމާއި، 8 މީޓަރުގެ ފެނުއަޑީގައި ބޭރުތޮށިލުމުގެ މަސައްކަތް އަދި 270 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
ބަނދަރުގެ އެތެރޭގެ އިންފްރާސްޓްރަކްޗަރގެ ގޮތުން، 283 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 280 މީޓަރުގެ އެއްގަމު ތޮށި މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 100 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރިޓް ޖެޓީއެއް ހެދުމުގެ އިތުރުން، ބަނދަރު ސަރަހައްދުގެ 3،170 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މި މަޝްރޫޢު ޙަވާލުކުރެވުނު އެމްޓީސީސީއަކީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ. މިހާރުވެސް އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މުހިންމު މަޝްރޫޢެއް ކަމަށް ބެލެވެއެވެ.



