ކ. ގުޅީގައި ކުރިއަށްގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެ މަޝްރޫޢުގެ މަސައްކަތް ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބައިވެރިވުމާއެކު ބާއްވައިފިއެވެ.
މި ދެ މަޝްރޫޢުގެ ސަބަބުން ގުޅީގެ ބިމުގެ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އިޤްތިޞާދީ ގޮތުން ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ގުޅިއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ގުޅީ ކައުންސިލްގެ އިސްވެރިންގެ އިތުރުން ގުޅީގެ ގިނަ އަދަދެއްގެ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގެ ތެރެއިން މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، ސަރުކާރުގެ ފަރާތުން ވަނީ ގުޅީ ކައުންސިލާ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. މި ފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި ކައުންސިލްގެ ފަރާތުން ފިލައާއި ޙަވާލުވެލެއްވީ ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލްއެވެ.
މި ދެ މަޝްރޫޢުވެސް ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެންނެވެ. ޖުމްލަ 89.63 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، ގުޅިއަށް 10.15 ހެކްޓަރުގެ ބިން އިތުރުކުރެވިފައިވެއެވެ. ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރޗް މަހުއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 749 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓަކާއި، 325 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ވަނީ ޤާއިމުކުރެވިފައެވެ. މީގެ އިތުރުން 77 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
ގުޅިއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރިއަރަމުންދާ ރަށެކެވެ. ބިން އިތުރުވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުވުމުގެ އިތުރުން، ޓޫރިޒަމްގެ ދާއިރާއިން އިޤްތިޞާދީ ގޮތުން އިތުރު ފައިދާތަކެއް ރަށަށް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.




