އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދު ސަރުކާރުން ހުޅުއްވައިލައްވައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި މިހާރު ހިމެނޭ 5 މެންބަރުންގެ މަގާމުގެ މުއްދަތު 9 ސެޕްޓެންބަރު 2019 ގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް 5 މެންބަރުން ޢައްޔަންކުރުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 1 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުއްވައިލައްވާފައެވެ.
ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
- މުސްލިމަކު ކަމުގައިވުން؛
- ދިވެހިރައްޔިތަކު ކަމުގައިވުން؛
- ޢުމުރުން 25 އަހަރު ވެފައިވުން؛
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
- ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ޙީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.




