ޞިއްޙީ ރަނގަޅު އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވާންޖެހޭ: ރައީސް

ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މި ބައްޔާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބަލިން ރައްކާތެރިވުމަށް ރަނގަޅު އާދަތައް ގެންގުޅެން ޖެހޭކަން ފާހަގަކުރައްވާފައެވެ. ގައިގައިން ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޞިއްޙީ ރަނގަޅު އާދަތައް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވުމަށާއި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުމަށް އަމިއްލަ ޖަމާޢަތްތަކާއި ފަރުދުންގެ ފެންވަރުގައި ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ ބަލިތަކާއި ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިފަދަ ދުވަސްތަކުގައި އައު ކުރަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބަލިތައް ޖެހުމުގެ ކުރިން ރައްކާތެރިވުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޒަމާނީ ރަނގަޅު ފެންވަރުގެ ފަރުވާގެ ލިބޭނެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން އިސްކަން ދެއްވާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި މުޖްތަމަޢުގެ ތެރޭގައި ހުރި ސިއްޙީ ނުރަނގަޅު އާދަތަކުން ރައްޔިތުން ދުރުހެލި ކުރުމަށް ފިޔަވަޅުތައްވެސް ދަނީ އަޅަމުންނެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ ހަކުރު ބައްޔާއި ދުޅަހެޔޮކަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ