ތިލަމާލެ ބްރިޖުގެ %66 ނިމިއްޖެ، ބްރިޖާ ގުޅޭ ގުޅިފަޅުގެ މަގުތައްވެސް ފަށައިފި

ތިލަމާލެ ބްރިޖްގެ މަސައްކަތްތަކުގެ %66 އަށްވުރެ ގިނަ މަސައްކަތްތައް މިހާރު ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށްދަނީ މާލެއާއި ވިލިމާލެއާއި ދެމެދު ބްރިޖްގެ ތަނބުތައް ގުޅާލުމުގެ މަސައްކަތްތަކެވެ. މިއީ މާލެ ސަރަޙައްދުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތުގައި މިވަގުތު ކުރިއަށްދާ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށް ވެއެވެ. ސަރުކާރުގެ ޢަމާޒަކީ މާލެއާއި ވިލިމާލޭގެ ކަނެކްޓިވިޓީ އަންނަ އަހަރުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށުމެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ޙިއްސާކުރައްވަމުން ވިދާޅުވީ މުޅި މަޝްރޫޢުގެ %66.26 މަސައްކަތް ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގައި ހިމެނޭ 3 ރަށް ގުޅާލާ ތަނބުތައް ޖެހުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ތަނބުތަކުގެ މަތީ ސްޓްރަކްޗަރގެ %98 މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގައި ޖުމްލަ 263 ހޮޅި ވަނީ ބްރިޖްގެ ތަނބުތަކަށް ފައްތާފައެވެ.

މާލެއާއި ވިލިމާލެއާއި ދެމެދުގައިވާ ތަނބުތަކުގެ ހުރިހާ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ. މިހާރު މައިގަނޑު މަސައްކަތެއްގެގޮތުގައި ކުރިއަށްދަނީ މި ތަނބުތައް ގުޅާލުމުގެ މަސައްކަތެވެ. މި މަސައްކަތުގެ %36 މިހާރު ވަނީ ނިންމާލާފައެވެ. އެގޮތުން ވިލިމާލެއާއި މާލެއާއި ދެމެދު ތަނބުތައް ގުޅާލުމަށް މިހާތަނަށް 437 ކާސްޓް ސެގްމަންޓް ވަނީ ގުޅާލާފައެވެ.

ބްރިޖްގެ މައި ސައިޓަކީ ގުޅިފަޅުގެ ސައިޓެވެ. ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރިއަށްދަނީ ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމުގެ މަސައްކަތެވެ. ބްރިޖްގެ ތަނބުތައް ގުޅާލުމަށް ޑެކުގައި އަޅާ 1222 ސެގްމަންޓްގެ ތެރެއިން 912 ސެގްމަންޓް ކާސްޓްކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މީގެ އިތުރުން، ބްރިޖާއި ގުޅިގެންދާ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ވުޒާރާއިން ވިދާޅުވީ ގުޅިފަޅުން ބްރިޖް ގުޅާލާ ކޯޒްވޭގެ މަސައްކަތްވެސް މިހާރު ސައިޓުގައި ފަށައިގެން ކުރިއަށްދާކަމަށާއި، އެ ސަރަޙައްދުގެ އެއްގަމު ތޮށީގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. ސަރުކާރުން ދަނީ މި ބިޔަ މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ