މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބުދޭނަން: ރައީސް

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީން ބޭއްވި "ދިވެހީންގެރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށް އެންމެ އިސްކަންދެއްވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ކަމަށާއި، މަސްތުވާތަކެތީގެ މައްސަލައަކީ އޭގެތެރެއިން އެއް މައްސަލަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވެން އޮތީ އެކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވިގެން ކަމަށާއި، އެގޮތުން އޭގެ ވިޔަފާރިކުރާ މީހުން ހުއްޓުވައިގެން ނޫނީ އެ މައްސަލަ ހައްލުނުވާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ މިހާތަނަށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މަސައްކަތް އިތުރަށް ފުޅާކުރައްވާނެއެވެ.

ރައީސް ވިދާޅުވީ، އެއްވެސް ނުފޫޒެއްގައި ނުޖެހި ދައުލަތުގެ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކޮށްފިނަމަ، ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރާއްޖޭން މަސްތުވާތަކެތީގެ ވަބާ އެއްކޮށް ނައްތާލައްވާނެ ކަމަށެވެ. އަދި އެކަން ހާސިލް ކުރުމަށް، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު، ފާސްކުރެވޭއިރު ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާފައި ފާސްކުރާނެ ކަމަށެވެ. "ކުދިކުދި އިޖުރާއަތުގައި ޖެހި މި މީހުން (މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން) މިނިވަން ވުމަކަށް ރައްޔިތުން ނޭނދޭ. އެންމެންގެ އިޚްލާސްތެރި ވިސްނުން ހުންނަޖެހޭ." ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ އެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދީ، އަނބުރާ މުޖުތަމައަށް ނެރުމަށް ކަމަށެވެ. ކޮންމެ ޒުވާނަކީވެސް އަބުރުވެރި ޒުވާނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި، ޙަގީގީ މާނައިގައި ޒުވާނުން ބާރުވެރިކުރުވޭނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރީ ސަރުކާރުތަކަށް މި މައްސަލަ ހައްލު ނުކުރެވުނީ ފަސޭހަ ގޮތް ހިޔާރުކުރާތީ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ކަންކަން ނިންމުމުގައި ބައްލަވަނީ މަގުބޫލުގޮތުގެ ބަދަލުގައި އެންމެ ރަނގަޅުގޮތަށް ކަންކަން ނިންމުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ