ފަލަސްޠީނާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވައިފި

ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބޭނެކަމަށާއި އެ ޤައުމަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ގޮވާލާ ގޮވާލުމުގައި ދިވެހިން ސާބިތުވެތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ފަލަސްޠީންގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްޠީނުގެ ދައުލަތަށް ފުރިހަމަ މިނިވަންކަމާއި ސިޔާދަތީ ބާރު ލިބިދިނުމަށް ރާއްޖެއިން އަބަދުވެސް ވަކަލާތުކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަލަސްޠީނުގެ މިނިވަން ދުވަހުގެ މުނާސަބާގައި އެ ޤައުމުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެމަނިކުފާނު ވަނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ކުޑަވެސް ފަސް ޖެހުމެއް އޮވެގެން ނުވާނެކަމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލައްވާފައެވެ.

މި މުނާސަބަތުގައި ރައީސް ވަނީ ފަލަސްޠީންގެ ރައީސް ޑރ. މަޙްމޫދު ޢައްބާސަށާއި ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށާއި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވާފައެވެ. އަދި ފަލަސްޠީންގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ސާބިތުކަން ދެއްވުން އެދި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

ފަލަސްޠީނުގެ މިނިވަން ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ. ނަމަވެސް، މި ތާރީޚަށްފަހު ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުވެގެންތިބި ޔަހޫދީން ދަނީ ފަލަސްޠީނުގެ ބިންތަކަށް އެކި ވަރުގެ ޙަމަލާތައް ދީ، އެ ޤައުމުގެ ބިންތައް ހިފައި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމުތައް ހިންގަމުންނެވެ. އެންމެ ފަހުގެ ތާރީޚެއްގައި ޔަހޫދީން އެންމެ ބޮޑު ޖަރީމާއެއް ހިންގަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު ފެށި ހަމަލާތަކުގައި މިހާތަނަށް އައިރު، 65,000އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ