ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލައިފި

ސަރުކާރުން އައިވީއެފް ފަރުވާއަށް އެހީތެރިވުމަށް ގާއިމްކޮށްފައިވާ "ފާޓިލިޓީ ކެއަރ ފަންޑު"ން މި އަހަރު ދޭ އެހީއަށް އެދުމުގެ ފުރުޞަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހުޅުވާލައިފިއެވެ.

މި ފުރުސަތުގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށެވެ.

އެންސްޕާއިން ހާމަކުރެއްވި ގޮތުގައި، މި ފުރުޞަތަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ. ފޯމު ހުށަހެޅޭނީ ހަމައެކަނި "ވަން ގަވް ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ. އެހީ ދިނުމަށް ހޮވާނީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ ޕޮއިންޓް ލިބޭ 50 ދެމަފިރިންނެވެ.

ފާޓިލިޓީ ފަންޑުން އައިވީއެފް އާއި އައިޔޫއައި ފަރުވާއަށް އެހީތެރިވުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އެހީއަށް އެދެވޭނީ ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާ އަދި ދަރިމައިވުމަށް ހުރަސް އެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ދަރިމައިވުމަށް އެހެން ފަރުވާތައް ކޮށް ނާކާމިޔާބުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ފާޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކަނިވެސް އައިވީއެފް ފަރުވާއަށް 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ފަރާތްތަކުގެ ތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ވަނީ ކާމިޔާބުވެފައެވެ.

ސަރުކާރުން އައިވީއެފް އާއި އައިޔޫއައިގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، މި ޚިދުމަތް ދެވޭ ފެންވަރަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ. މި ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ތަނެކެވެ.

މި ހޮސްޕިޓަލުން މާބަނޑު މީހުންނަށް ދެވޭ އެކި ޚިދުމަތްތަކާއި، ފެމިލީ ޕްލޭނިންގ ޚިދުމަތްތަކާއި، ދުވަސްނުފުރާ ވިހާ ކުދިންނަށް ދެވޭ ފަރުވާތައް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާއާއި، އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމާއި، ރަޙިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީންކުރުމުގެ އިތުރުން އައިޔޫއައި އާއި އައިވީއެފްގެ ޚިދުމަތް ވެސް މި ހޮސްޕިޓަލުން ލިބޭނެއެވެ. މި ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ