ދައުލަތުގެ މާލިއްޔަތުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ހަ ހިދުމަތެއް ޑިޖިޓަލްކޮށްފި އެވެ.
އެގޮތުން މިއަދު ތައާރަފުކުރީ އެސްއެމްއެސް/އީމެއިލް ޕޯޓަލް، ޕޭރޯލް ރަޖިސްޓަ، އެސްއޭޕީ ޔޫސާ ފޯމް، އެސްއޯއީ ގޭޓްވޭ، ޕީބީސީ އަދި ޕީއެސްއައިޕީ ޕޯޓަލް އެވެ.
މި ޕޯޓަލްތައް ލޯންޗުކޮށްދެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމެވެ. މި ހަފުލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެ ވަޑައިގަތެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ހިދުމަތް ހޯދުމުގައި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއަދު ލޯންޗުކުރި މި ޕޯޓަލްތަކުގެ ސަބަބުން، ފިނޭންސް މިނިސްޓްރީން ދެމުން އަންނަ ހިދުމްތްތައް އަވަސްވާނެ ކަމަށެވެ.
މިއަދު ލޯންޗު ކުރި އެސްއެމްއެސް/އީމެއިލް ޕޯޓަލް އިން، ދައުލަތުން ފައިސާ ދޭން ޖެހޭ މީހުންނަށް ފައިސާ ޖަމާވެއްޖެކަން އީމެއިލް ނުވަތަ އެސްއެމްއެސްގެ އިން އަންގައިދޭނެ އެވެ. އަދި ޕޭރޯލް ރަޖިސްޓާ އަކީ ދައުލަތުން މުސާރަ ދޭން ޖެހޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމަށް ހަދާފައިވާ ޕޯޓަލެެކެވެ.
މީގެ އިތުރުން އެސްއޭޕީ ޔޫސާ ރިކުއެސްޓް ފޯމް، ޕޯޓަލް މެދުވެރިކޮށް ހުށަހަޅައި އޭގެ އެންމެ ފަހުގެ މަރުހަލާތައް ބަލައިލެވޭ އިރު އެސްއޯއީ ގޭޓްވޭ ބޭނުންކޮށްގެން ދައުލަތުގެ ކުންފުނިތަކުގެ މައުލޫމާތު އެއްތަނަކުން ބަލާލެވޭނެ އެވެ.