ފީފާ ވޮމެންސް ވޯލްޑްކަޕް ގަދަ 16 ގައި ރޭ ސްޕެއިން ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ އަތްދަށުވެ މުބާރާތުން ކަޓައިފިއެވެ.
ރޭގެ މެޗުން 2-1 ގެ ނަތީޖާއަކުން ސްޕެއިން ބަލިވިއިރު، ވޯލްޑްކަޕްގައި އެންމެފަހުން ކުޅުނު 7 މެޗުން ސްޕެއިންއަށް ލިބިފައިވަނީ އެންމެ މޮޅެކެވެ.
މެޗުގެ ފުރަތަމަ ލަނޑުޖެހީ އެމެރިކާއިންނެވެ. ލިބުނު ޕެނަލްޓީއަކުން މެޗުގައި މޮޅުކުޅުމެއް ދެއްކި މޭގަން ރަފީނޯ މިލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 7 ވަނަ މިނަޓްގައެވެ. އޭގެ ދެމިނަޓް ފަހުން ސްޕެއިންގެ ޖެނިފާ ހަމޯސޯ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިނަތީޖާއާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމު އެއްވަރުވެ އޮވެއެވެ.

ސްޕެއިންގެ ފަރާތުން ރީތި ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގައި ސްޕެއިން ޓީމަށް އެމެރިކާ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކުވެ.
މެޗުގައި ހުރިހާ ގޮތަކުންވެސް ސްޕެއިންއަށްވުރެ ކުރީގައި އޮތް އެމެރިކާއިން މެޗު ކާމިޔާބުކޮށްފައިވަނީވެސް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑަކުންނެވެ. ވީއޭއާރު ބެލުމަށް ދިން މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ރަފީނޯއެވެ.
ތިން ފަހަރެއްގެ މަތިން މިމުބާރާތް ކާމިޔާބުކޮށްފައިވާ އެމެރިކާއިން 1991 އަކާއި 2019 އާ ދޭތެރޭ ކުޅުނު ހުރިހާ ފީފާ ވޮމެންސް ވޯލްޑްކަޕެއްގެ ކުއާޓާ ފައިނަލަށްވަނީ ދަތުރުކޮށްފައެވެ.

ކުއާޓާ ފައިނަލްގައި އެމެރިކާ ބައްދަލުކުރަން ޖެހޭނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ފްރާންސްއާއެވެ. އެމެރިކާއިން މިމުބާރާތުގައި މިހާތަނަށް ޖުމްލަ 20 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
މެޗުގެ ސްޕެއިންގެ ފަރާތުން ދެއްކި ރީތި ކުޅުމަށް ފަޚްރެވެރިވާކަމަށާއި ދުނިޔޭގެ ވަރުގަދަ ޓީމަކާއި އެއް ފެންވަރެއްގައި ހިފަހައްޓާލުމުން ސްޕެއިން ޓީމަށް ލިބެމުން އަންނަ ކުރިއެރުން ހާމަވާކަމަށް ސްޕެއިންގެ ކޯޗު ޖޯޖް ވިލްޑާ މެޗަށްފަހުވަނީ ބުނެފައެވެ.
އެމެރިކާ ކޯޗު ބުނީ، މިމެޗަކީ އުނދަގޫ މެޗެއްކަމަށާއި، މިއީ ގަދަ 16 އެންމެ ވަރުގަދަ މެޗަށްވީއިރު މެޗުން މޮޅުވެފައިވަނީ ވިސްނުންތެރިކަމާއެކު ބޯޅަ ގެންގުޅުމުންކަމަށެވެ. އަދި ސްޕެއިން ޓީމަކީ މޮޅު ޓީމެއްކަމަށްވެސް އެމެރިކާގެ ކޯޗުވަނީ ފާހަގަކޮށްފައެވެ.




