ރާއްޖޭގައި އިސްލާމިކް ޔުނިވާރސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް - މައުމޫން

ރާއްޖޭގައި އިސްލާމިކް ޔުނިވާރސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ރައްކާތެރި ކުރުމަށާއި، އިސްލާމްދީނުގެ އުސޫލުތަކާއި އަގުތަށް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމިކް ޔުނިވާރސިޓީއެއް ހުރުމަކީ ހަމަ ލާޒިމް ކަމެއް ކަމަށެވެ.

މި ދެ ޔުނިވާސިޓީގެ ބަހުސް ފެންމަތިވެފައިމިވަނީ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސުގައި ގައުމީ ޔުނިވަސިޓީގެ ދަށަށް އިސްލާމިކް ޔުނިވަސިޓީގެ މެންޑޭޓް ބަދަލުކޮށް، ދެ ޔުނިވަސިޓީ އެއްކޮށްލައިގެން ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން މިއަދު ގޮވާލެއްވުމާއި ގުޅިގެންނެވެ.

ސަރުކާރުގެ ފަރާތުން އައިޔޫއެމްގެ ގާނޫނަށް އިސްލާހުތައް ހުށަހެޅީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދުއެވެ.

ހުށައެޅި އިސްލާޙްތަކުގެ ތެރޭގައި ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަންކޮށް ވަކިކުރާނީ ޔުނިވަސިޓީގެ މަޖިލިހުން ކަމަށާއި، އަދި ޑެޕިއުޓީ ޗާންސެލަރުގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ވެސް ޔުނިވަސިޓީގެ މަޖިލިހުން ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން އައިޔޫއެމްގެ މަޖިލިސް އެކުލެވިގެންވާ އަދަދު 19 އަށް ބަދަލު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ދެ ޔުނިވަސިޓީ އެއްކޮށްލުމާ ގުޅޭގޮތުން މެމްބަރުން ދެއްކެވި ވާހަކަތަކާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހުންނެވީ މިކަމާއި ދެކޮޅަށްކަންވަނީ ހާމަކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ، “އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ވަކިވި ފަހުން އެތަނަށް ވެރިޔަކު ޢައްޔަންނުކޮށް ހަތް މަސްވަނީ، މުޅި ތަނުގެ ތަޞައްވަރުވަނީ ހުއްޓިފައި، ގްރެޖުއޭޝަން އައި އިރު ވެސް ވެރިޔަކު ނެތް، ޗާންސެލަރ އަކީ ޔުނިވަރސިޓީގެ ހެޑް، ކައުސިލްގެ ރައީސް، ޑިގްރީ އެންޑޯސް ކުރާ ފަރާތް، ރައްޔިތުންގެ މަޖްލީހަށް ޔުނިވަރސިޓީއާ މެދު ޖަވާބު ދާރީ ވާ ފަރާތް، ޔުނިވަރސިޓީ އަށް ގައިޑް ކޮށްދޭ އެންމެ އިސް ފަރާތް، އެތަނުގައި ވެރިޔަކު ނެތި މިހާ ގިނަ ދުވަސްވުމުގެ ސަބަބުން ޔުނިވަރސިޓީ އަށް ދަނީ ގެއްލުންވަމުން” ކަމަށެވެ.

އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީ ވަކިން ތަރައްޤީކުރަން ކުރެވެން އޮތް ހުރިހާކަމެއް މިސަރުކާރުން ކުރާނެކަމަށެވެ.

މިކަން ހާމަކުރައްވާ މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީ އަކީ ތަފާތު ދެ ފަލްސަފާއެއްގެ ދަށުން ހިންގާ މަތީ ތައުލީމު ދޭ މުހިއްމު ދެ މުއައްސަސާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ