ކޮރަލް ބޮލެވާޑަށް ހުޅުމާލެއިން ބޮޑު ބިމެއް ދެނީ

ރަސްފަންނު ސަރަހައްދުގައި ތަރައްގީކުރުމަށް ނިންމި ކޮރަލް ބޮލެވާޑް މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމާފައިވާތީ، އެ ޕްރޮޖެކްޓަށް މާލެއިން ދިން ބިމަށް ވުރެ ބޮޑު ބިމެއް ހުޅުމާލެއިން ދޭން ނިންމާފައިވާ ކަމަށް ހައުސިންގް މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިންގަޕޫރުގެ ޗެންހުއާ ކޮންސްޓްރަކްޝަނަށް ރަސްފަންނު ސަރަހައްދުން 70،000 އަކަފޫޓުގެ ބިމެއް ދިނީ މަތީ ފެންވަރުގެ 350 އެޕާޓްމަންޓުގެ އިތުރުން ފިހާރަތަކާއި ކުޅިވަރު ކުޅޭ ތަންތަން ވެސް ހަދާ ގޮތަށެވެ. އެއީ 28 ބުރީގެ ހަތަރު ޓަވަރެވެ. މި މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރުމަށް އެންގީ، މާލެ ތޮއްޖެހުން ހައްލުކުރުމުގެ ސިޔާސަތުގެ ދަށުން ފުލެޓް އެޅުމުގެ މަޝްރޫއު މާލޭގައި އިތުރަށް ނުހިންގުމަށް މިސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

މިނިސްޓަރު އާތިފާ ވިދާޅުވީ، އަދި ހުޅުމާލެއިން އެ ކުންފުންޏަށް ދޭނެ ބިމެއް ކަނޑައަޅާފައި ނުވާ ކަމަށާއި ނަމަވެސް ރަސްފަންނުގެ ބިމުގެ ސަރަހައްދަށް ވުރެ 54 ޕަސަންޓް ބޮޑު ބިމެއް ދިނުމަށް ހުޅުމާލޭ ޑިވަލޮޕްމަންޓް ކޯޕަރޭޝަންއާއެކު މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

"އެޗްޑީސީއާއެކު މިނިސްޓްރީން ކުރަމުންދާ މަޝްވަރާތަކުން ބިމަށް ވާވަރަށް 129،000 އަކަ ފޫޓުގެ ބިން [ދިނުމަށް ވަނީ ކަނޑައަޅާފައި] މާލޭގައި 25 ބުރި އިމާރާތް ވަކި ރޭންޖެއްގައި ހިފެހެއްޓިފައި މިވަނީ. އެޔަށް ވުރެ ތަންކޮޅެއް ބޮޑު ބިމެއް ދިނުމުގެ އުސޫލީ އެއްބަސްވުމެއް ވެފައި މިވަނީ." އާތިފާ ވިދާޅުވިއެވެ.

ކޮރަލް ބްލެވާޑްގެ މަޝްރޫއުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ޗެންހުއާ ކޮންސްޓްރަކްޝަނާ ނުގުޅޭ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން، އާތިފާ ވިދާޅުވީ އެފަދަ ޝަކުވާއެއް ހައުސިން މިނިސްޓްރީ އަށް އަދި ލިބިފައި ނެތް ކަމަށެވެ.

"އިއްޔެ ވެސް އެ ކުންފުންޏާ އަޅުގަނޑުމެންނާ މުއާމަލާތު ކުރެވިފައި ވަނީ. އެ ކުންފުނިން އެދިފައި ވަނީ އެ ކުންފުނިން ހުށަހަޅަން ޖެހޭ ލިޔުންތައް [ޕްރޮޖެކްޓަށް މިހާތަނަށް ކުރެވުނު ޚަރަދު] ހުށަހެޅުމުގެ މުއްދަތު ދެ ހަފުތާ އަށް އިތުރު ކޮށްދިނުމަށް. އެ ކުންފުނި ސީން އަކުން ނުގެއްލޭ،" އާތިފާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮރަލް ބްލެވާޑްގެ ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ މައުލޫމާތު ވަނީ ސަރުކާރަށް ލިބިފަ އެވެ. މިހާތަނަށް ފައިސާ ދައްކާފައި ވަނީ ނުވަ ފަރާތަކުން ކަމަށާއި އެ މީހުން އެވެރެޖްކޮށް ދައްކާފައި ވަނީ 315،350 ޑޮލަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ނުވަ ފަރާތުން އެވްރެޖްކޮށް 104،500 ޑޮލަރު ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ރަސްފަންނު ސަރަހައްދުގައި "މިކްސް ޔޫސް ރެސިޑެންޝަލް ޑެވެލޮޕްމަންޓް" މަޝްރޫއު ހިންގުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ޗަންގ ހުއާ ކޮންސްޓްރަކްޝަން (ފަހުން ކޮރަލް ބޮލަވާރޑް ޑެވެލޮޕްމެންޓް) އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 28 މެއި 2017 ގައެވެ.

މާލޭގައި، ކޮރަލް ބްލެވާޑްގެ ގެދޮރު މަޝްރޫއު ހިންގުމަށް ޗެންހުއާ ކޮންސްޓްރަކްޝަނުން ވަނީ ރަސްފަންނު ސަރަހައްދުގައި މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން، އެއް ޓަވަރުގެ ފައުންޑޭޝަންގެ މައިކްރޯޕައިލްސްގެ 13 ޕަސެންޓު ނިންމާފައި ވެ އެވެ. އެކަމަކު އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

އެކަމުގެ ބަދަލެއްގެ ގޮތުން ދައުލަތަށް މާލީ ބުރައަކާ ކުރިމަތިވެދާނެތޯ ސުވާލު ދެންނެވުމުން މިނިސްޓަރު އާތިފާ ވިދާޅުވީ ސަރުކާރުގެ ނިންމުމަކީ އެ ޕްރޮޖެކްޓް ހުޅުމާ ލެއަށް ބަދަލު ކުރުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ