30 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ދޫކޮށްފި

މިއަހަރުގެ މިހާތަނަށް އައިއިރު 30 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ދޫކުރައްވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، އެސްއެމްއީ ބޭންކަށް ތިން މަހެއްހާ ދުވަސްވީއިރު، މިހާތަނަށް އައިއިއު 400 މިލިއަން ރުފިޔާގެ ލޯނަށް އެދިފައިވާ ކަމަށެވެ.

ލޯނަށް އެދުނު ފަރާތްތަކުގެ ތެރެއިން 25 ފަރާތަކަށް 30 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، މިއަހަރުގެ ކުރިއަށް އޮތްތަނުގައި 60 މިލިއަން ޑޮލަރުގެ ލޯނު ދޫކުރާނެ ފައިސާ ހަމަޖެހިގެންދާނެކަމަށް އުއްމީދުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެސްއެމްއީ ލޯނު ދިނުމުގައި އިސްކަން ދެއްވަނީ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމާއި އަންހެން ބޭފުޅުންގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ކަމަށެވެ. ނަމަވެސް މިނޫން ދާއިރާތަކަށްވެސް ލޯނު ދޫކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އެސްއެމްއީ ބޭންކަކީ ފައިދާ ހޯދުމަށްވުރެ ބޮޑަށް ފަސޭހައިން ވިޔަފާރިވެރިންނަށް ފައިސާ ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށެވެ. އެކަމަށްތަކައި ބޮޑެތި ލުއިތަކެއްވެސް ދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ލޯނު ދިނުމުގައި އެންމެ ބޮޑަށް ބައްލަވަނީ ހުށަހަޅާ ހުށަހެޅުމަކީ ކާމިޔާބު ކުރެވިދާނެ ވިޔަފާރިއެއްތޯ ބެލުމުގެ އިތުރުން އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަކީ އެކަމަށް ޤާބިލު ފަރާތެއްތޯ ބެލުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެސްއެމްއީ ލޯނުތައް ދޫކުރުމުގައި އަތޮޅު ތެރޭގައި ވިޔަފާރިކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެއްވާ ކަމަށާއި، ނަމަވެސް މާލޭގައި ވިޔަފާރި ކުރުމަށް ލޯނު ދޫނުކުރައްވަނީ ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ