މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރު ހަސަން ނަބާހު އެ ކޮމިޝަނުގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 5 ވަނަ ދުވަހު ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަން ކުރެއްވި ނަބާޙް އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނުއެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ވަނީ ސާފުވާގޮތް ނުވެފައެވެ.
ނަބާޙް މިއަދު އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަނުގެ މެންބަރުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ވިދާޅުވެފައިވަނީ، އޭނާއަށް އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ.
ބްރޯޑްކޮމްގެ މެންބަރު ނަބާޙް އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަދި ފަހުން ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާންވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ބްރޯޑްކޮމްގެ ދެ މެންބަރުން އިސްތިއުފާ ދެއްވިއިރު، ބްރޮޑްކާސްޓިން ކޮމިޝަނުގެ އެއްވެސް މެންބަރެއްގެ ގޮނޑި ސަލާމަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުއް ހީކުރުމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު، މުޙައްމަދު ވިސާމް ވަނީ ވިދާޅުވެފައެވެ.




