ތިމާވެށި ހިމާޔަތްކުރުމަށް ޞިއްޙީދާއިރާއިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ - އަމީން

ޞިއްޙީދާއިރާއަކީ ތިމާވެށި ޙިމާޔަތްކުރުމަށް ވަރަށް ބޮޑު އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާއެއްކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ޢަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވެފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކްލައިމެޓް އެކްޝަން ސަމިޓް"އަށް ތައްޔާރުވުމަށްޓަކައި އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި މިދިޔަ ޖޫން މަހުގެ 30ން ޖުލައި 1 އަށް ކުރިއަށްދިޔަ، ފުރަތަމަ ކްލައިމެޓް އެންޑް ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުގައި ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސިއްޙަތަށް ކުރިމަތިވާ މައްސަލަތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި މިކަމުން ދިމާވާ އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ކްލައިމެޓް އެކްޝަން ސަމިޓުން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ގުޅޭގޮތުންވެސް މިނިސްޓަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ތިމާވެއްޓާއި ގުޅޭ މައްސަލަތަކުގެ ސަބަބުން ޞިއްޙަތަށްކުރާ ނޭދެވޭ އަސަރުތަކާއިގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ޞިއްޙީދާއިރާއަކީ ތިމާވެށި ޙިމާޔަތްކުރުމަށް ވަރަށް ބޮޑު އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާއެއްކަން ފާހަގަކުރައްވައި، އެހީދޭ ފަރާތްތަކުން ޞިއްޙީދާއިރާއިން އިސްނަގައިގެން ކުރިއަށްގެންދާ ތިމާވެއްޓާއި ރައްޓެހި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.

މިގޮތުން މިހާރު ސަރުކާރުން ކުރިއަށްގެންދިއުމަށް ރާއްވަވާފައިވާ ގްރީން ހޮސްޕިޓަލް ފަދަ ޕްރޮޖެކްޓްތަކަށް ތިމާވެއްޓާއިގުޅޭ ފަންޑުތަކުގެ އެހީ ލިބޭނެގޮތްތަކެއް ހޯދިގެންދިއުމަކީ ކްލައިމެޓް އެކްޝަން ސަމިޓުން ދިވެހިރާއްޖެ ޙާޞިލްކުރަންބޭނުންވާ ލަނޑުދަނޑިއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތިމާވެއްޓާ ޞިއްޙަތާ ހުރި ގުޅުމާ އަދި މިކަމަށްދޭ އަހައްމިއްޔަތު ދައްކުވައި ދިނުމުގެ ގޮތުން ސްވިޒްލޭންޑްގެ ޖެނީވާގައި މިއަހަރުގެ މެއިމަހު ކުރިއަށްދިޔަ ވާރލްޑް ހެލްތު އެސެމްބްލީ ގެ 72 ވަނަ ބައްދަލުވުމުގައި "އެއަރ ޕޮލިއުޝަން، ކްލައިމެޓް ޗޭންޖް، އޯޝަންސް އެންޑް ހެލްތު" އާއި ބެހޭ ސްއިޑް އިވެންޓެއްގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންއާއި މިނިސްޓްރީގެ ވަފްދުން ބައިވެރިވެ ވަޑައިގެން ދިވެހިރާއްޖެއަށް ދިމާވާ ގޮންޖެހުންތަކާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި ކުރިއަށްދާ ކްލައިމެޓް އެކްޝަން ސަމިޓްގައި މިނިސްޓަރ ޢަބްދުﷲ އަމީންއާއި މިނިސްޓަރ ޑރ. ހުޞައިން ރަޝީދުގެ އިތުރުން ދެމިނިސްޓްރީގެ ފަންނީ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ