މިއަދު ކުޅެވުނު މެޗުގެ ތެރެއިން - ފޮޓޯ: ހިރަފުސް އެފްބީ ޕޭޖް

ޕެންޓަގްރާމް ހިރަފުސް ކަޕް - ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުން ނޮޅިވަރަންފަރުގެ ލައިކަން ހިފަހައްޓައިފި

ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ލައިކަން އަދި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން ބައްދަލުކުރި ގްރޫޕް 2 ގެ މެޗު އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ދެޓީމު އެއްވަރު ވެގެން ނިމިއްޖެއެވެ.

0-0 ގެ ނަތީޖާއަކުން ނިމުނު މިމެޗުގައި ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ލައިކަންގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް ލައިކަންއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެންމެ ފަހު ބޯޅަ ރަނގަޅަށް ނިންމާނުލެވުމެވެ. ލައިކަންއިން ކުޅުނުވަރާއި ބަލާފައި ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ ގޯލާއި ދިމާލަށް ފޮނުވާލެވުނު ހަމަލާތައް ވަރަށް މަދެވެ.

ފޮނުވާލެވުނު ހުރިހާ ހަމަލާއެއްވެސް މިއަދުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ ކީޕަރު ޢަލީ މޫސާވަނީ ދިފާޢުކޮށްފައެވެ.

ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ ކީޕަރު ޢަލީ މޫސާ - ފޮޓޯ: ހިރަފުސް އެފްބީ ޕޭޖް

ދެވަނަ ހާފުގައި އެއްކޮށްހެން ބޯޅަ އޮތީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ ހާފުގައެވެ.

ޖުމްލަ 4 ރީނދޫ ކާޑު ފެނިގެންދިޔަ މިމެޗުގައި، ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ ޢަބްދުﷲ އިބްރާހިމް އަދި މުޙައްމަދު އާދަމްއަށް ރީނދޫ ކާޑު ދެއްކިއިރު، ލައިކަންގެ މުޙައްމަދު އަސްލަމް އަދި ޢަބްދުﷲ ޝަފީޢު އާދަމްއަށްވެސްވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މުބާރާތުގައި ލައިކަން ކުޅުނު ފުރަތަމަ މެޗުން ހަނިމާދޫ ސާއްބައާއި ބައްދަލުކޮށް ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. ކުޅުދުއްފުށީ އެކުވެރިންގެ ދިރުންވަނީ އެމީހުން ކުޅުނު ފުރަތަމަ މެޗުން ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަންއާއި ބައްދަލުކޮށް 4-3 ގެ ނަތީޖާއަކުންވަނީ މޮޅުވެފައެވެ.

މިމުބާރާތުގައި މާދަމާ ހަވީރު 16:15 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އަދި ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ