ގދ.ހޯޑެއްދުއާއި މަޑަވެލީގެ ކަރަންޓު އެއްވިއުގަޔަކުން ގުޅާލުމުގެ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ، ގދ.މަޑަވެލި-ގދ.ހޯޑެއްދޫގެ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަރަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށް އަދި މީޑިއަމް ވޮލްޓޭޖް (11ކޭވީ) ވިއުގަ ހަރުދަނާ ކުރުމުގެ އެންމެހައި މަސައްކަތްތައް އެ ކުންފުނިންދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ކުރުމަށް މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ރާއްްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް އޮންނާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މިކަމާ ގުޅޭ ބިޑް ޑޮކިއުމަންޓް މިއަދުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު ފަހު 14:30 އަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި ބިޑާއިގުޅިގެން ބާއްވާ މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުން އޮންނާނީ 22 ޖުލައި 2019ވާ ހޯމަ ދުވަހުގެ 13:00 ގައި ކަމަށާއި، އަންދާސި ހިސާބު ހުށަހެޅުން އޮންނާނީ 04 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގައި ފެނަކަ ހެޑް އޮފީހުގައި ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ބިޑް ޑޮކިއުމަންޓް ނުގަންނަ ފަރާތްތަކުގެ އަންދާސީ ހިސާބާއި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.




