އޭދަފުއްޓަށް އުދަ އަރާފައި - ފޮޓޯ: އީޓީ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އެރުމުގެ ފުރުޞަތު އޮތުމާއެކު މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ދާދި ދެންމެ ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ، މިއަދު ހެނދުނު 10:30 އާއި ހަވީރު 15:00 އާއި ދެމެދުގެ ވަގުތުތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދަ އެރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން އުޅޭނީ ފޫޓަކާއި ހަތަރު ފޫޓާ ދެމެދުގައި ކަމަށް ލަފާކުރާއިރު، އުތުރުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މެންދުރުކުރި 11:57 ގައި ކަމަށާއި، މެދުރާއްޖެތެރެއަށް އެންމެ ދިޔަވަރު ބޮޑުވާނީ މެންދުރު 12:35 ގައި ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މެންދުރުފަހު 13:16 ގައި ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި، މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިޖެހޭނީ އާއްމު ގޮތެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

އިތުރަށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ