ދިވެހިރާއްޖޭގެ ބާ ކައުންސިލު އުފައްދަވައިފި

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން "ދިވެހިރާއްޖޭގެ ބާ ކައުންސިލު"، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ބާ ކައުންސިލް އުފައްދަވާފައިވަނީ ހުސްވި ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމާ ގުޅޭގޮތުން މިއަދު ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 480 ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ބާ ކައުންސިލަކީ ރައީސް ސޯލިހުގެ ސަރުކާރުގެ މި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހެޅި، ގާނޫނަކަށް ބަދަލުވެގެން ދިޔަ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މުޅިން އަލަށް ރާއްޖޭގައި އުފެއްދި ކައުންސިލެކެވެ. 

ގާނޫނީ ވަކީލުންގެ ކަންކަން މޮނީޓާ ކުރުމާއި ގާނޫނީ ފަންނު އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ ހުރިހާ ޒިންމާއެއް މަތިކޮށްފައިވަނީ ބާ ކައުންސިލަށެވެ.

އަލަށް އިންތިހާބުވި ބާ ކައުންސިލުގެ މެންބަރުންނާ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބާ ކައުންސިލު އުފެދިގެން ދިއުމަކީ ގާނޫނީ އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ތަރައްގީ ކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި ވިދާޅުވި އެވެ. 

އެއީ ގާނޫނީ އަދި ޝަރުއީ ދާއިރާއަށް އާއްމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. 

ރައީސްގެ ވާހަކަފުޅުގައި ބާ ކައުންސިލުގެ މަސައްކަތް މިނިވަންކަމާއެކު ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެއްބާރުލެއްވުމާއި އެހީތެރިކަން ސަރުކާރުން ދެއްވާނެ ކަމުގެ ޔަގީންކަން ކައުންސިލު މެންބަރުންނަށް އެރުވި އެވެ.

މި ބައްދަލުވުމުގައި ބާ ކައުންސިލުގެ ރައީސް މައުމޫން ހަމީދާއި ނައިބު ރައީސް އަބްދުﷲ މުއިއްޒާއި ދައުލަތުގެ އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތާއި ބާ ކައުންސިލުގެ މެންބަރުން ކަމުގައިވާ އަހުމަދު މުއިއްޒާއި އަނާރާ ނައީމާއި އާއިޝާ ސުޖޫން މުހައްމަދާއި އަނަސް އަބުދުއްސައްތާރާއި މުހައްމަދު ފައިސަލް އަދި މުހައްމަދު އަސީލް ހަސަން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ