ކަސްޓަމްސްގެ 129 ވަނަ އަހަރީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 129 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެ ސަރވިސްއަށް 129 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ޢަހްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި އެ ސަރވިސްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މިނިސްޓަރ އޮފް ޑިފެންސް ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ، ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާކަމުގައިވާ ކަސްޓަމްސްއިން ކުރައްވާ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ކޮންމެ ދުވަހަކު، ޤައުމަށް އެތެރެކުރާ މުދަލާއި ތަކެއްޗާއި، ޤައުމުން ބޭރުކުރާ މުދަލާއި ތަކެތީގެ ހިސާބުކިތާބު ބަލަހައްޓައި، ދަޢުލަތަށް ނަގަންޖެހޭ ޑިއުޓީ ނެގުމަކީ، ބުރަ މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި ޚާއްޞަކޮށް، މަސްތުވާތަކެތީގެ ވަބާއަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވާއިރު، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ވަރަށް ބޮޑު ޒިންމާއެއް އޮންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެ ޒިންމާ އަދާކުރުމުގައި، ކަސްޓަމްސްގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއެކުގައިވެސް، ކަސްޓަމްސްގެ ރީތި ނަން ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ޒީރޯ ޓޮލެރަންސް ސިޔާސަތު، ފަރުދީގޮތުން ތަންފީޒުކުރެއްވުމަށް މިނިސްޓަރު  އިލްތިމާސްކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ