މިއަދަކީ ރައީސް މަޢުމޫންގެ އުފާވެރި ރަންޔޫބިލް

1969 ވަނަ އަހަރުގެ ޖުލައި 20 ވަނަ ދުވަހަކީ ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމާއި ނަސްރީނާ އިބްރާޙީމްގެ ކައިވެނިވި ދުވަހެވެ. މިއަދަކީ އެ ކައިވެންޏަށް އުފާވެރި ރަންޔޫބިލް، އާދެ 50 އަހަރު ފުރުނު ދުވަހެވެ.

މި އުފާވެރި މުނާސަބަތުގައި އެދެބޭފުޅުންނަށް ދަނީ ގިނަ ބަޔަކު ތަޙުނިޔާ ވިދާޅުވަމުންނެވެ.

އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އުފަންވެ ވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެމްބަރ 1937 (ހިޖުރީ ސަނަތުން 26 ޝައްވާލް 1356) ވީ ބުދަ ދުވަހުގައެވެ. ޅަފަތުގެ ދުވަސްވަރާއި ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީ އެވެ.

ރައީސް މަޢުމޫނާއި ނަސްރީނާ ފުރަތަމަ ބައްދަލުވީ 1965 އަހަރު ނަސްރީނާ އެއީ ކެއިރޯ އަށް ތައުލީމު ހާސިލް ކުރަން ގޮސް އުޅުމުގެ ތެރޭގައެވެ. އޭރު އެކަމަނާގެ އުމުރަކީ 15 އަހަރެވެ. މައުމޫނުގެ އުމުރުން 27 އަހަރެވެ. މި ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ އޭގެ 4 އަހަރުފަހުން 14 ޖުލައި 1969 ގައި ކެރިއޯގައެވެ.

20 މާރޗް 1970 ވަނަ އަހަރު އުމުރުފުޅުން އެންމެ 20 އަހަރުގައި މިދެމަފިރިންނަށް އެއްމާބަނޑު ދެ ކުދިން ލިބުނެވެ. އެއީ ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން އެވެ. މިދެމަފިރިންގެ ފުރަތަމަ ފިރިހެން ދަރިފުޅު ފާރިޝް މަޢުމޫން އުފަންވީ އޭގެ އަހަރެއް ފަހުން 31 މާރޗް 1971 ގައި މާލޭގައެވެ. ޤައްސާން އަބްދުލް ޤައްޔޫމް އުފަންވީ އޭގެ 9 އަހަރުފަހުން، މަޢުމޫން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުންނަވަނިކޮށް 12 ޖޫން 1980 ގައެވެ.

ރައީސް މަޢުމޫން ވަނީ އިބްރާޙީމް ނާޞިރަށް ފަހު ދިވެހިރައްޖޭގައި 1978 އިން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރައްވާފައެވެ. މައުމޫނު ޢަބްދުލް ޤައްޔޫމް ވަނީ އަޒްހަރު ޔުނިވަސިޓީގައި ޝަރީޢަތާއި ގާނޫނުން ޑިގްރީ ނަންގަވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫނާއި ނަސްރީނާގެ ކައިވެންޏަށް 50 އަހަރު ފުރޭ ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުން މިރޭ ޚައްސަ ހަފްލާއެއް ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ