ނަފްސާނީ ބަލިމީހުންނަށް އަޅާނުލާ މީހުން ގިނަކަމުގައި އިޙްސާސް ކުރެވޭ - ފަޒުނާ

ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ ނަފްސާނީ ބަލި ތަޙައްމަލް ކުރަމުންދާމީހުންނަށް އަޅާލާ، އެމީހުންގެ އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާމީހުން އިތުރުވަމުން ދާކަމުގެ އިޙްސާސް މިހާރު ކުރެއްވޭކަމަށް ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ އަނބިކަބަލުން މިހެން ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި މެންޓަލް ހެލްތް އެވެއަރނެސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ "މެންޓަލް ހެލްތު ގެޕް ޓްރެއިނިންގ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނަފްސާނީ ބައްޔާމެދު މުޖްތަމަޢު ދެކޭ ގޮތް ބަދަލުވެ، ލިބެންޖެހޭ ބޭސްފަރުވާގެ ޚިދުމަތް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ފަރުވާ ހޯދުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ނަފްސާނީ ބަލިތަކަށް ފަރުވާދޭ މީހުން ޢަމަލުކުރާނެ ސުލޫކީ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވަމުން އެކަމަނާވަނީ އެފަދަ ސުލޫކީ މިންގަނޑެއް މިވަގުތު ޤާއިމްކުރެވިފައި ނެތްނަމަވެސް، ނަފުސާނީ ބަލި މީހުންނަށް ވީ އެންމެ ރަނގަޅަކަށް ފަރުވާދިނުމަށް ގޮވާލައްވާފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މިއަދު ދެއްކެވި ވާހަކަފުޅުގައި ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމާއި ބަލި ދެނެގަތުމުގައި ޢަމަލު ކުރަންޖެހޭ ހަރުދަނާ އުސޫލުތަކުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލައްވާފައިވެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު އައި.ޖީ.އެމް.އެޗްގެ އޯކިޑް ކޮންފަރެންސް ހޯލްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ