މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމަށް އަލްފާޟިލާ އައިޝަތު ސޫޒަން ހަނީފް ހަމަޖައްސަވައިފިއެވެ.
ސޫޒަން އެމަޤާމަށް ހަމަޖައްސަވަފައިވަނީ ޖުލައި 25 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުން، ޓޫރިޒަމް މިނިސްޓްރީގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މަޤާމް ހަވާލުކޮށްދެއްވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް އަލްފާޟިލް ޢަލީ ވަހީދެވެ.
އަލްފާޟިލް އާއިޝަތު ސޫޒަން އަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދާން ކުއީންސްލޭންޑް އިން މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރައްވަވައި އަދި ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރ އޮފް އާރޓްސް ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ.
މޯލްޑިވިސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގައި ވެރިންގެ ފެންވަރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާއިރު، ސޫޒަން 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު ތަޖްރިބާ ހާޞިލް ކުރައްވަވާފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިޢުލާނު ކޮށްފައިވަނީ 26 ޖޫން 2019 ގައެވެ.



