އުތީމު ގަނޑުވަރު - ފޮޓޯ: އެޓޯލް ސެއިލަރު

އީދު ބަންދުގައި ޤައުމީ ދާރުލްއާސާރާއި ހުވަދޫ ދާރުލްއާސާރު ނުހުޅުވަން ނިންމައިފި

ކުރިޔަށް އޮތް އަޟްޙާ އީދު ބަންދުގައި ޤައުމީ ދާރުލްއާސާރާއި ހުވަދޫ ދާރުލްއާސާރު ނުހުޅުވަން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ފުރަތަމަ ނިންމާފައި ވަނީ ޤައުމީ ދާރުލްއާސާރާއި، ހުވަދޫ ދާރުލްއާސާރުގެ އިތުރުން އުތީމު ގަނޑުވަރުވެސް އީދު ބަންދުގައި ހުޅުވާ ގޮތަށެވެ. މި ގޮތަށް ނިންމާފައިވަނީ އޮގަސްޓް 5 ވަނަ ދުވަހުއެވެ. ނަމަވެސް ހަމަ އެދުވަހު އެފަރާތުން ވަނީ ޤައުމީ ދާރުލްއާސާރު ނުހިމަނައި ހުވަދޫ ދާރުލްއާސާރާއި، އުތީމު ގަނޑުވަރު އީދު ބަންދުގައި ހުޅުވާ ގޮތަށް ހަމަޖައްސާފައެވެ.

އިއްޔެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ނެރުއްވި އިޢުލާނެއްގައި އަޟްހާ ޢީދު ބަންދުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރުވެސް ނުހުޅުވަން ވަނީ ނިންމާފައެވެ. މިނިންމުމާއި އެކު ޢީދު ބަންދުގައި ހުޅުވާނީ ހަމައެކަނި އުތީމު ގަނޑުވަރު އެކަންޏެވެ.

އެ ޑިޕާޓްމަންޓުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ 1440 ވަނަ އަހަރު އަޟްޙާ ޢީދު ބަންދުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު އޮގަސްޓް 12 އިން 15 އަށް ހުޅުވާ ގޮތަށް އެފަރާތުން ކުރިން ހަމަޖައްސާފައި ވީނަމަވެސް، ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ނުހުޅުވުމަށް މިހާރު ނިންމާފައި ވާކަމަށެވެ.

ނަމަވެސް ކުރިއެކޭ އެއް ގޮތަށް މި ދުވަސް ތަކުގައި އުތީމު ގަނޑުވަރު އޮގަސްޓް 12 އިން 15 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:15 އިން މެންދުރުފަހު 13:30 އަށް ހުޅުވިފައި ހުންނާނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެ ޑިޕާޓްމަންޓުން ވިދާޅުވާ ގޮތުގައި އޮގްސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހުކުރު ދުވަހެއް ފިޔަވާ 08:15 އިން 13:30 އަށް އުތީމު ގަނޑުވަރު އަދި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވިފައި ހުންނާނެއެވެ. އަދި ގައުމީ ދާރުލްއާސާރު ހުޅުވިފައި ހުންނާނީ 10:15 އިން 15:30 އަށް ކަމަށްވެސް އެ ފަރާތުން ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ