ކޮވިޑް-19 ގެ މަޢުލޫމާތު ފެތުރުމުގައި ވެސް ދިވެހި ބަހާއި ބަހުރުވަތައް ވަރަށް މުހިންމުކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވެފައިވަނީ މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.
ޔުމްނާ ވިދާޅުވީ، އެ ޤައުމެއްގެ ރައްޔިތަކަށް ފަސޭހައިން ވިސްނޭ ގޮތަކަށް މަޢުލޫމާތު ފެތުރުމުގައި މުހިންމީ އެ ބައެއްގެ މާދަރީ ބަހުން އެ މަޢުލޫމާތު ދިނުމުންކަމަށާއި، އެހިސާބެއްގައި ބޭނުން ކުރާ ބަހުރުވައިންވެސް އެ މަޢުލޫމާތު ދިނުމުންކަމަށެވެ.
އެންމެން ގުޅުވައިދޭ ޤައުމީ ބަހެއް އަޅުގަނޑުމެންގެ ލިބިފައިވުމީ ބޮޑު ނަސީބެއްކަމަށާއި، ދިވެހި ބަހަކީ އަޅުގަނޑުމެން ދިވެހީންގެ އެއްބައިވަންތަކަމުގެ ވަރަށް މުހިންމު ބަހާ އެއްކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
އަދި އެއްބައިވަންތަކަމުގެ މުހިންމުކަން މި އެނގެނީ މި ފަދަ ނުރައްކާތެރި ވަބާތަކާއި ކާރިސާތައް ކުރިމަތިވާ ވަގުތުގައިކަމަށާއި، ދިވެހިންގެ މި ދިވެހިބަހާއި ދިވެހިންގެ ދިވެހީން އެއްބައިވަންތަ ކުރުވާ އެންމެހައި ރުކުންތައް ދަމަހައްޓަން އެންމެންވެސް މަސައްކަތް ކުރުމަށް މިނިސްޓަރުވަނީ ގޮވާލާފައެވެ.
ދިވެހިބަސް ކުރިއެރުމަށްޓަކައި އަޅުގަނޑުމެން ކުރާންވީ ކަމެއްގެ ގޮތުގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ، ދިވެހިބަހުން ގިނަގަނައިން ވާހަކަ ދެއްކުންމާއި ދިވެހިބަހުން ހުންނަ ފޮތްފޮތާއި ލިޔުންތައް ގިނަގިނައިން ކިޔުމާއި، ދަރީންނަށް ފޮތް ކިޔައިދިނުމާއި އަދި ދަރީން ފޮތްކިޔަން ބާރުއެޅުމުގެ އިތުރުން ދިވެހިބަހުން ލިޔުންކަމުގައެވެ.
މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވައިފައި ވަނީ " ފޮތް ކިޔުމާއި މުއާމަލާތު ކުރުން: އިސްކަން ދިވެހިބަހަށް" އެވެ.
މި ޝިޢާރުން ބާރު އަޅަނީ ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ގިނައިން ކިޔުމަށާއި ދިވެހިބަހުން މުއާމާލާތު ކުރުމަށެވެ. ދިވެހިބަހުން މުއާމަލާތު ކުރެވެން އޮތް ހަމަ ކޮންމެ ހާލަތެއްގައި ދިވެހިބަހުން މުއާމަލާތް ކުރުމުގެ މައްޗަށެވެ. ދިވެހިބަހުން ދިވެހީން ކުރާ މުއާމަލާތް އިތުރު ކުރުމުގެ މައްޗަށެވެ.



