ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމަށްޓަކައި ފުރަތަމަ ގައު ބެހެއްޓުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ވިދާޅުވީ، މިކަމަށްޓަކައި ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފުރަތަމަ ގައު ބަހައްޓައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކަމަށެވެ.
މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 04:30 ގައެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވަނީ ޗާންދަނީ މަގު، މެދުޒިޔާރަތް މަގު ކަންމަތީގައި ކުރީގެ ދިރާގު ހެޑްއޮފީސް ހުރި ބިމުގައެވެ.
މާލޭ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގައި ކުރަންޖެހޭ ސިވިލް މަސައްކަތްތައް، 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް، 2,967,867.86 (ދެ މިލިއަން ނުވަ ލައްކަ ފަސްދޮޅަސް ހަތްހާސް އަށްސައްތަ ފަސްދޮޅަސް ހަތް ރުފިޔާ އަށްޑިހަ ހަ ލާރި) އަށް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށެވެ.
ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރާނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މި މަސައްކަތް ކުރުމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ޕްރޮޖެކްޓް ޓީމުން ކަމަށެވެ.
"މިސްކިތުގައި ހަލާކުވެގެން ބަދަލުކުރަން ޖެހޭ ބައިތައް (މިސާލަކަށް: ފުރާޅުގެ މަތިވަޑާންގަނޑު) ހަދާނީ މި ޓީމުގެ ވަޑިން. އަދި މިސްކިތުގެ ބައިތަކުގެ (ހިރިގަލާ، ލަކުޑި އަދި ލިޔެލާޖަހާފައިވާ ބައިތައް) އާބާތުރަފިލުވުމުގެ މަސައްކަތް ކުރާނީ މި ޓީމުގެ ކޮންޒަރވޭޝަން އޮފިސަރުން." މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ.
މި މަސައްކަތްތަކާއި މިސްކިތް ރޭވުމުގެ ކަންކަން ކުރެވެމުންދާނީ ސީދާ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުންނެވެ.




