ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހިނގި އެކިއެކި ހާދިސާތަކުގައި މިހާތަނަށް 17 މީހުން މަރުވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ އަލް ޖަޒީރާ ނޫހުން ބުނެފިއެވެ.
އަލް ޖަޒީރާއިން ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ ކަރާޗީގެ ބޮޑުބައެއްގައިވަނީ ވަރަށް ބޮޑަށް ފެންހެދިފައެވެ.
ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ އަންވަރު ކާޒުމީ ބުނެފައިވަނީ ކަރަންޓް ޖެހިގެން ހަތް މީހަކު ކަރާޗީން މަރުވެފައި ވާކަމަށާއި އަދި ގެއްގެ ފުރާޅު ވެއްޓި އިތުރު ތިންމީހުން މަރުވެފައި ވާކަމަށެވެ.
ކާޒުމީ އިތުރަށް ބުނެފައިވަނީ ވިއްސާރައިގެ އެކި ހާދިސާތަކާއި ގުޅިގެން މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ބައެއް ފަރާތްތަކަށް އެހީވުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށެވެ.
ޕާކިސްތާނުގެ ފުލުހުން ބުނެފައިވާ ގޮތުގައި ޕާކިސްތާނަށް މިހާރުކުރަމުންދާ މޫސުމީ ވިއްސާރައިގައި ޕަންޖާބް ޕްރޮވިންސްގައި ފެންބޮޑުވެ ފަސްމީހަކު މަރުވެފައި ވެއެވެ. އަދި ކަރަންޓުޖެހި އިތުރު ދެމީހަކު ޕަންޖާބް ޕްރޮވިންސުން މަރުވެފައި ވެއެވެ.
ޕާކިސްތާނުގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ޕާކިސްތާނަށް ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކުރެވެއެވެ.
ކޮންމެ އަހަރަކުވެސް ޖުލައި މަހުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދެކުނު އޭސިޔާގެ ގިނަ ގައުމުތަކަށް ބޯކޮށް ވާރޭވެހި ހިތާމަވެރި އެތަކެއް ހާދިސާތައް ހިނގަމުން ދެއެވެ.




