ހާބަރު ސަރަހައްދުގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ޚިދުމަތް ނުދޭ ތިން ޔުނިޓެއް ކުއްޔަށް ދޭން ނިންމައި، ބިޑަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިއްޒުއްދީން މަގާ ވީ ފަޅިން ޔުނިޓް ނަންބަރު 26 އާއި, ޔުނިޓް ނަންބަރު 22 އަދި އަމީނީމަގާ ވީ ފަޅިން ޔުނިޓް ނަންބަރު 10 އަށް ބިޑް ކުރުމުގެ ފުރުސަތު މިމަހުގެ 28 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
މީގެ ތެރެއިން 26 ނަންބަރު އަދި 10 ނަންބަރު ފުޓް ކޯޓަކީ 960 އަކަފޫޓުގެ ދެ ޔުނިޓަށްވާއިރު، 22 ނަންބަރު ފުޑްކޯޓަކީ 1660 އަކަފޫޓުގެ ޔުނިޓެކެވެ. މިތަންތަން ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ބޭސް ރޭޓް، އަކަފޫޓެއް 53 ރުފިޔާގެ މަގުން ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯއިން ވިދާޅުވީ، ކޮންމެ ފަރާތަކަށްވެސް ބިޑް ކުރެވޭނީ ގިނަވެގެން ދެ ޔުނިޓަށް ކަމަށާއި ބިޑް ކާމިޔާބު ކުރާތާ ހަތް ދުވަސް ތެރޭ އެކަން އެންގުމުން ތިން މަހުގެ ސެކިޔުރިޓީ ދައްކަން ވާނެ ކަމަށެވެ.
އެސްޓީއޯއިން ކުރި އިއުލާނުގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ފުޑްކޯޓުތަކުގައު ބޭނުންކުރާނެ ގޮނޑި މޭޒު ފަދަ ތަކެތި ދޭނީ އެސްޓީއޯ އިން ކަމަށް އަދި ހަލާކުވާ ގޮނޑި، މޭޒު ފަދަ ތަކެތި ބަދަކު ކުރުމަށް ކުއްޔަށް ނަގާ ފަރާތުން ދައްކާ ސެކިޔުރިޓީ ފައިސާ ބޭނުން ކުރާނެކަން ހިމެނެއެވެ.
ކުރިން އާދައިގެ ގޮތަކަށް ހުރި ހާބަރު ކަޑަތައް ނަގައި، އެތަނުގައި ޒަމާނީ ފެންވަރުގެ ފުޑްކޯޓުތައް އެޅުމަށްފަހު ހުޅުވާފައިވަނީ ނިމިދިޔަ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު އެސަރަހައްދަކީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ފުޑްކޯޓްތަކެކެވެ.




