ނިމިދިޔަ ޖުލައި މަހު ދިވެހިރާއްޖޭގައި ހަތަރު ރޭޕް ކޭސް ހިނގާފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން މިއަދު ޢާއްމުކުރި ޖުލައި މަހުގެ ތަފާސްހިސާބަށް ބަލާއިރު، 2019 ޖުލައި މަހު އެ މިނިސްޓްރީއަށް ޖުމްލަ 214 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާއިރު، އޭގެ ތެރޭގައި ރޭޕް ކުރުމުގެ ހަތަރު މައްސަލައެއް ހިމެނެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ޖުލައި މަހު އެ މިނިސްޓްރީއަށް ހުށަހެޅި ބަލަން ފަށާފައިވާ މައްސަލަތަކުގެ ތެރޭގައި ހަތަރު ރޭޕް ކޭސްގެ އިތުރުން ޖިންސީ ހާނީއްކަކުރުމުގެ 5 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 3 މައްސަލަ، އިހުމާލުވުމުގެ 2 މައްސަލަ އަދި ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.
"ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވޭ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް. މި ބާވަތުގެ 13 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވޭ." ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
މިދިޔަ މަހުވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށްވާއިރު، އެބާވަތުގެ 34 މައްސަލަ ހުށަހެޅިފައިވާއިރު، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 3 މައްސަލައާއި، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 19 މައްސަލަވެސް ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ.
މީގެ އިތުރުންވެސް އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލަ މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.



