މަސައްކަތް ފެށިތާ 24 ދުވަހުގެ ތެރޭގައި ނިންމާލި އުކުޅަސް ކޮންވެންޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހެނދުނު އުކުޅަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކޮންވެންޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިދެއްވީ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.
މި ކޮންވެންޝަން ސެންޓަރު ނިންމައި އުކުޅަހު ކައުންސިލާ ހަވާލުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ކަމާބެހޭ ރަސްމީ ލިޔެކިޔުން ތަކުގައި ސޮއި ކުރެއްވީ މިނިސްޓަރ އަސްލަމް އެވެ. އަދި އުކުޅަސް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް އެވެ.

އުކުޅަސް ކޮންވެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި ކޮންވެންޝަން ސެންޓަރު ހުޅުވުމުގެ ފުރުޞަތު ލިބުމަކީ ލިބުނު ނުހަނު ބޮޑު އުފަލެއް އަދި ނުހަނު ބޮޑު ޝަރަފެއް ކަމަށެވެ.
"މި ސެންޓަރުގެ ސަބަބުން އުކުޅަހަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ޔަގީން. އިތުރު ވިޔަފާރިތަކަށް ފުރުޞަތު ލިބިގެންދާނެކަން ޔަޤީން. ރާއްޖޭގައިވެސް މިފަދަ ކޮންފަރެންސްތައް ބޭއްވޭނެކަމުގެ އިތުބާރު އާވެގެންދާނެކަން ޔަޤީން. ރީތިނަމެއް ލިބިގެންދާނެކަން ޔަޤީން." ފޮރިންގ މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޢަބްދުﷲ ޝާޙިދު ވިދާޅުވީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ މުހިންމު އަމާޒު އަދި މި ސަރުކާރުގެ އެންމެ ފުރަތަމަ ވައުދު ކަމަށާއި، މި ހުޅުވިގެން ދިޔަ ކޮންފަރެންސް ސެންޓަރުގެ ސަބަބުން، އެ އަމާޒަށް ކުރާ ދަތުރުގެ ސްޕީޑް އަވަސް ވެގެންދާނެ ކަމަށެވެ.

ދިވެހި ސަރުކާރުން ކުރިން ވިދާޅުވެފައިވަނީ، މި ކޮންވެންޝަން ސެންޓަރަކީ އެރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިތަކުގެ އިތުރުން ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުމަށް ޤާއިމުކުރާ ސެންޓަރެއް ކަމަށެވެ.
އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ހިމެނޭ ބައިތައް
- -400 މީހުންގެ ޖާގައިގެ ހޯލެއް
- – ވެއިޓިން އޭރިއާ
- – އެގްޒެކެޓިވް މީޓިން ރޫމެއް އަދި ވީއައިޕީ މީޓިން ރޫމެއް
- – ދެ ކްލާސް ރޫމް
- – 8 ފާހާނާ (އަންހެން، ފިރިހެން ވަކިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފާހާނާތައް ހިމެނޭ ގޮތުން)
- – ތިން ގުދަން.
- – ކޮންވެންޝަން ސެންޓަރުގެ އިދާރީ އޮފީސް

މި ކޮންވެންޝަން ސެންޓަރަކީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.



