ޤައުމީ ތަރައްޤީއާއި ތަރިކަ ކޮމިޓީން ދިރާސާ ކުރުމަށްފަހު އެ ކޮމެޓީން ގެނައި އިސްލާހުތަކާއެކު "ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ޤާނޫނު" މަޖިލީހުން ފާސް ކޮށްފިއެވެ.
މަޖިލީހުން މި ބިލް ދާސްކޮށްފައިވަނީ ހާޒިރުވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ޤައުމީ ތަރައްޤީއާއި ތަރިކަ ކޮމިޓީން މި ބިލް ދިރާސާ ކުރި އިރު ގިނަ ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން މިނިވަން މުއައްސަސާއެއް ހެދުމަށް ބިލްގައި ހިމަނާފައި އޮތް އޮތުން ވަނީ އެބިލުން އުނިކޮށްފައެވެ. އަދި މި ބިލަށް ގެނެސްފައިވާ ބަދަލުތަކަކީ ކަމާ ގުޅޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
މި ޤާނޫނުގެ ދަށުން ޘަގާފީ ތަރިކަތައް ކަނޑައެޅުމާއި، ކަމާގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމާއި، ޘަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަކަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅިފައިވެއެވެ. މީގެ އިތުރުން ތަރިކަތަކާއި ބެހޭ ދިރާސާތައް ކުރުމާއި ތަރިކަތައް ބެލެހެއްޓުމާއި ގުޅޭ ހުރިހާ އުސޫލެއް ކަނޑައެޅުން ވެސް މި ބިލުގައި ހިމެނެއެވެ.
ސަގާފީ ތަރިކައިގެ ބާވަތްތަކުގެ ތެރޭގައި އުފުލޭ ސަގާފީ ތަރިކަ އާއި ސަގާފީ ސަރަހައްދުތައް އަދި މައުނަވީ ސަގާފީ ތަރިކަ ހިމަނާފައިވެއެވެ. އުފުލޭ ސަގާފީ ތަރިކަތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން ނެގޭ ހުރިހާ އާސާރީ ތަރިކައާއި، ލިޔެކިޔުންތަކާއި، ތަސްވީރުތަކާއި ކުރެހުންތަކުގެ އިތުރުން މާޒީގެ އެކި ދައުރުތަކަށް ނިސްބަތްވާ ތަކެތި ހިމަނާފައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ހާދިސާތަކާއި ތާރީހުގައި ނަންލިޔެވިފައިވާ ފަރާތްތަކުން ހިފާ ގެންގުޅުނު ތަކެތި ވެސް ހިމެނެއެވެ. އުފުލޭ ސަގާފީ ތަރިކައިގެ ހުންނަން ޖެހޭ ޝަރުތުތަކަކީ މަދުވެގެން ސަތޭކަ އަހަރުވުން ނުވަތަ ފާހަގަކޮށްލެވޭ ވަރުގެ ސަގާފީ އަގެއް ހުންނަ އެއްޗަކަށް ވުމެވެ.




