ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

ދެކުނުގެ އަތޮޅުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރަފައި ވަނިކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން އިތުރަށް ގޯސްވެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ހުރިހާ އަތޮޅަކަށެވެ.

ހެނދުނު 08:00 އިން މެންދުރުކުރި 11:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 06:10 އިން 10:30 އަށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވެސް ޔެލޯ އެލާޓް ނެރެފައެވެ.

އެސަރަހައްދަށް ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީވެސް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި  އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ