ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައިޝަތު ޝުޖޫން މުހައްމަދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފައި ވާތީ, ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން އޭނާ އިސްތިއުފާ ދެއްވައިފިއެވެ.
ބާ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ، ޝުޖޫން މިއަދު އެކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ޝުޖޫން ކޮށްދެއްވި ޚިދުމަތައް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ޝުކުރު އަދާކުރާ ކަމަށެވެ.
ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 62 މެމްބަރުންގެ ވޯޓާއެކުއެވެ. ޝުޖޫންގެ އިތުރުން މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރަން ޑރ.އަޒްމިރަލްދާ ޒާހިރަށް ވެސް ރުހުން ދެއްވާފައެވެ.
ބާ ކައުންސިލަކީ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަންޖެހޭ ކައުންސިލެވެ.