ތިލަދުންމަތީ ދެކުނުބުރީގައި (ހދ.އަތޮޅު) ޓުއަރިޒަމް އިތުރަށް ފުޅާކުރުމާއި ބެހޭގޮތުން މިނިސްޓަރ އޮފް ޓުއަރިޒަމް އަލްފާޟިލް ޢަލީ ވަޙީދުއާއި މަޝްވަރާކުރައްވައިފިއެވެ.
ކުޅުދުއްފުށި ދެކުނު ދާއިރާ މެންބަރު ޖަމްޝީދު މުޙައްމަދާއި، އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ހަނިމާދޫ ދާއިރާގެ ޢަބްދުލްޣަފޫރު މޫސާގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ބައިވެރިވެވަޑައިގެންނެވި މިމަޝްވަރާ ބައްދަލުވުމުގައި ހދ. އަތޮޅުގައި އިތުރަށް ރިޒޯޓް ތަރައްޤީ ކުރެވެންހުރި ރަށްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
ހދ. އަތޮޅުގައި މިހާރު އޮންނަނީ އެންމެ ރިޒޯޓެކެވެ. އެއީ ހޮނޑާފުށި އައިލެންޑް ރިޒޯޓެވެ.
ޓުއަރިޒަމް އިންޑަސްޓްރީގެ ފޮނި މީރުކަން ދެކެން ބޭނުންވެފައިހުރި ހދ. އަތޮޅުގެ ރައްޔިތުންގެ ހުވަފެން ޙަޤީޤަތަކަށް ހަދާދީފައިވަނީ ނިމިދިޔަ ޔާމިނު ސަރުކާރުގެ ފަހުކޮޅުއެވެ. އެންމެ ރިިޒޯޓަކުން އެކަށީގެންވާ މަންފާއެއް މިއަތޮޅަށް ލިބިގެންނުދާއިރު، މިއަތޮޅުގެ ރައްޔިތުންގެ އުންމީދަކީ އަދިވެސް މިއަތޮޅުގައި ރިޒޯޓްތައް އިތުރަށް ތަރައްޤީވެ، އެކަމުގެ މަންފާ ވީހާވެސް ގިނަ މީހުންނަށް ލިބިގެންދިއުމެވެ.
ޚާއްސަކޮށް އަތޮޅުގެ ޒުވާނުންނެވެ. ރަށާއި އަނބިދަރިންނާއި ކައިރީ ވަޒީފާއަދާ ކޮށްލުމުގެ ދުވަހެއްގެ އިންތިޒާރުގައި ހުރި މިއަތޮޅަށް ނިސްބަތްވާ އެތައް ހާސް ޒުވާނުންނެއް އެބަތިއްބެވެ.