ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންނަ ފަރާތްތަކަށް ޑިސްކައުންޓް ދޭ ގޮތަށް އެސްޓީއޯއިން ހަމަޖައްސައިފިއެވެ.
ޕްލާސްޓިކް ކޮތަޅު މަދު ކުރުމުގެ ގޮތުން އެސްޓީއޯއިން މިފެށި ހަރަކާތުގައި އެ ފިހާރައިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންނަ ފަރާތްތަކުގެ ބިލުން ދެ ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
އެސްޓީއޯއިން ބުނެފައިވަނީ "އަޅުގަނޑުމެން ބާރުއަލަނީ ވިޔަފާރި ކުރުމުގައި އަބަދުވެސް ތިމާވެއްޓާ ރަހުމަތްތެރި ގޮތް ޚިޔާރުކުރުމަށް! ޕްލާސްޓިްކް މަދުކުރުމަށް އެއްބާރުލުންދެމާ! އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ހިމާޔަތްކުރަމާ!" ކަމަށެވެ.
ފްލާސްޓިކަކީ އާންމު ދިރިއުޅުމުގައި އަބަދުވެސް ބޭނުން ކުރެވޭ އެއްޗެކެވެ. އެންމެ އާންމުކޮށް ބޭނުން ކުރެވޭ ޕްލާސްޓިކް ކަމުގައި ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ. އެހެންކަމުން އެސްޓީއޯއިން މި ފެށި ހަރަކާތުގެ ސަބަބުން އާންމުކޮށް ބޭނުން ކުރެވޭ ޕްލާސްޓިކް ބޭނުން ކުރުންމަދުވެ ރައްޔިތުން މިކަމުގައި ހޭލުން ތެރިވުމަށް މަގުފަހިވެގެން ދާނެއެވެ.
ޕްލާސްޓިަކަށް ނޫނެކޭ ބުނުމަށްޓަކައި، ޕްލާސްޓިކް ނޫން ގޮތެއްގެ ނަމުގައި ސަރުކާރުން ވަރުގަދަ ކެމްޕެއިންވެސް ވަނީ ފަށާފައެވެ. މި ކެމްޕެއިންގެ ދަށުން ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންދެވިފައެވެ.




