މޫސުން ގޯސްވެ ދެކުނަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ ޤައުމީ އިދާރާ, މެޓް އޮފީހުން “ވައިޓް އެލާޓް” ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހައްދުންމަތިން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށެވެ.

މިއަދު ހެނދުނު 09:30 އިން މެންދުރުފަހު 02:30 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ، ހައްދުންމައްޗާއި، އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

"ހުޅަނގުދެކުނާއި ހުޅަނގުން ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ