ނ.މިލަދޫ އަދި ލ.މާވަށު ބަނދަރުގެ މަސައްކަތް ޑިޒައިންގ އެންޑް ބިލްޑް އުޞޫލުން އަހަރެއްގެ ތެރޭގައި ނިންމަން ސަރުކާރުގެ ކޮންޓްރެކްޓިންގ ކުންފުނި އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.
މި ދެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ލ.މާވަށު ބަނދަރު 330 ދުވަހުން ނިންމަން ހަވާލުކޮށްފައިވަނީ، 27،376،010.50ރ (ހަތާވީސް މިލިއަން ތިންލައްކަ ހަތްދިހަ ހަހާސް ދިހަ ރުފިޔާ ފަންސާސް ލާރި) އަށެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގައި 284 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓަކާއި، 110 މީޓަރުގެ އެއްގަމު ތޮއްޓާއި، 40 މީޓަރުގެ ރިވެޓްމެންޓް އަދި ދެ ނެރުބައްތި ހަރުކުރުމުގެ އިތުރުން 11 މީޓަރުގެ އެއް ރޭމްޕް ހަދައި، 550 އަކަމީޓަރުގެ ޕޭވްމެންޓް އަދި 10 މޫރިންގ ބުލޮކްސް ލާންޖެހެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން، ހިކި ދިޔައިގައި ތިން މީޓަރު ހުންނަވަރަށް ބަނދަރު (15،300 ކިއުބިކް މީޓަރު) ފުންކުރަން އަދި ހިކި ދިޔައިގައި ހަތަރު މީޓަރު ހުންނަވަރަށް ބަނދަރުގެ ނެރު (11،585 ކިއުބިކް މީޓަރ) ފުންކުރުން ޖެހެއެވެ.

ނ.މިލަދޫ ބަނދަރު 330 ދުވަހުން ނިންމަން ހަވާލުކޮށްފައިވަނީ، 42،183،081.60ރ (ސާޅީސް ދެމިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް އަށްޑިހަ އެއްރުފިޔާ ފަސްދޮޅަސް ލާރިއަށެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގައި 284 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓަކާއި، 286 މީޓަރުގެ އެއްގަމު ތޮއްޓާއި، 1430 އަކަމީޓަރުގެ ޕޭވްމެންޓާއި، 20 މީޓަރު ގްރޯއިންއާއި، 137 މީޓަރު ރިވެޓްމެންޓް އަދި ދެ ނެރުބައްތި ހަރުކުރުމުގެ އިތުރުން އެއް ރޭމްޕް ހަދައި، 14 ބަނދަރު ބައްތި ޖަހައި، 10 މޫރިންގ ބުލޮކްސް ލާންޖެހެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން، ބަނދަރު ފުންކޮށް (36215 ކިއުބިކް މީޓަރު)، ބަނދަރުގެ ނެރު ފުންކުރަން (1000 ކިއުބިކް މީޓަރު) ޖެހެއެވެ.

މި ދެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޕާރމެނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ ޝާހިދު ހުސައިން މޫސާއެވެ.