އަންނަ އަހަރު ސީއެމްބިއުލާންސްގެ ފްލީޓު ބޮޑުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި، އެއާއެކު މާވަށުގައި ސީއެމްބިއުލާންސްގެ ޚިދުމަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހައްދުންމައްޗަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މާވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ބަލިމީހުން ކުއްލި ޙާލަތްތަކުގައި އުފުލުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.
ރަށުގެ ސިއްޙީ ޙާލަތަށް އަންނަ އަހަރު ބޮޑެތި ކުރިއެރުންތަކެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން މިމަހުގެ ތެރޭގައި ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރެވި، މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އައު އިމާރާތުގައި 4 އެނދުގެ ވޯޑަކާއި، ނަރސް ސްޓޭޝަން، ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، ލެބް، ލޯންޑްރީ، ގަރާޖު އަދި ސްޓޯރޭޖު ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ މާވަށު ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރަށުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 15 ހެކްޓަރުގެ ބިން އިތުރުކުރެވި، ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިތުރުކުރެވޭ ބިމުގައި ޒަމާނީ ފުޓުބޯޅަ ދަނޑެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށާއި، ފެނާއި ނަރުދަމާ ޤާއިމުކުރެވުމުން ބޯހިޔާވަހިކަމުގެ މަޝްރޫޢެއްވެސް ހިންގައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލ. އަތޮޅުގައި އިތުރު އެއަރޕޯޓެއް ތަރައްޤީކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށާއި، މިކަމަކީ ހައްދުންމަތީގެ ދުރުރާސްތާގެ ތަރައްޤީއަށް މުހިންމު ކަމެއް ކަމުގައެވެ.