ރާއްޖޭގެ އާބާދީގެ މިހާރުގެ ޙާލަތަށް ބަލާއިރު، އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް %84 މީހުންނަކީ ގައިންގަޔަށްނާރާ ބަލިތަކުގެ ޝިކާރައަށްވެފައިވާ މީހުންކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ހިތުގެ ދުވަހާއި ދިމާކޮށް އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައިންގަޔަން ނާރާ ބަލިތަކުގެ ތެރޭގައި ނިޞްބަތުން އެންމެ ގިނައީ ހިތުގެ ބަލިތަށްކަމަށާއި، މިފަދަ ބަލިތަކުން މީހުން ރައްކާތެރިކޮށް، މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމުގެ މަޤްޞަދުގައި "25 އަށް 25" ގެ ނަމުގައި އެ އެޖެންސީއިން އިސްނަގައިގެން 2018 އިން ފެށިގެން ދަނީ ޤައުމީ ކެމްޕެއިނެއް ހިންގަމުންނެވެ.
އެ އެޖެންސީން ބުނެފައިވަނީ ރާއްޖޭގައި މަރުވާ މީހުންގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ޙިއްޞާ ކުރަނީ ހިތާއި ލޭނާރުގެ ބަލިތައް (%36) ، ކެންސަރުބަލި (%17) އަދި ނޭވާލާ ނިޒާމުގެ ބަލިތައް (%9) އެވެ. މިފަދަ ބަލިތަކަށް ހުށަހެޅޭ ހިރާސްތަކަށް ބަލާއިރު، %42 ފިރިހެނުން އަދި %3 އަންހެނުން، ދުންފަތުގެ އިސްތިޢުމާލުކުރެއެވެ.
ގައިންގަޔަށްނާރާ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކޮށް މިފަދަ ބަލިތަކާ ޞިއްޙަތާ ބީރައްޓެހި އާދަތަކުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުންދަނީ ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ. ދުނިޔޭގެ ފެންވަރުގައި ކަނޑައެޅިފައިވާ އަމާޒުތަކާއި ގުޅުވައިގެން، އެ އަމާޒުތަކަށް ވާޞިލުވުމަށްތަކައި، ގައިނަގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ޤައުމީ ޕްލޭންއެއް އެކުލަވާލައި 2016 އިންފެށިގެންދަނީ ތަނފީޒު ކުރެވެމުންނެވެ. އަދި މި މަސައްކަތް ހަލުވިކޮށް ހަރުދަނާ ކުރުމަށް މި ޕްލޭން މި އަހަރު މުރާޖަޢާ ކުރެވޭނެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ ހެލިފެލިވެއުޅުމާ ކަސްރަތަށް މަގުފަހި ކުރުމަށް، ރާއްޖޭގެ ހުރިހާ ހިސާބެއްގައި "އައުޓްޑޯރ ޖިމް" ދަނީ ޤާއިމުކުރެވެމުންކަމަށެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވާން ބޭނުންވާ މީހުންނަށް ސެޒޭޝަންގެ ޚިދުމަތް ވަނީ ފެށިފައިކަމަށާއި ސިނގިރޭޓާ ބިޑި ވަކިވަކިން ވިއްކުން މަނާކޮށް، ފޮޓޯ ޖެހި އިންޒާރުވަނީ ތަޢާރަފު ކުރެވިފައިކަމަށެވެ. ދުޅަހެޔޮ ކަނާ ގެ މަޢުލޫމާތާ، އެފަދަ ކާނާ ތައްޔާރުކުރާނެގޮތުގެ މަޢުލޫމާތު ވަނީ، ފަސޭހައިން ލިބޭނެހެން ޢާއްމު ކުރެވިފައިކަމަށާއި ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުމަށް ސްކްރީން ކުރުމާއި، ބަލިތަކަށް ފަރުވާދިނުމުގައި ޢަމަލުކުރާނޭ އުޞޫލުތައް އެކަށައަޅާ ބައެއް އަތޮޅުތަކުގައި މި އުޞޫލާ އެއްގޮތަށް ޢަމަލުކުރަން ފަށާފައިވާކަމަށެވެ.
މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް މާލޭއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި އެޗް.ޕީ.އޭ އިން ސީދާ ހިންގާ ހަރަކާތްތަކާއި އެހެން މުޢައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުމާއެކު ހިންގާ ހަރަކާތްތައް ހިމެނެއެވެ. ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައިވެސް ޞިއްޙީ މަރުކަޒުތަކާއި ހަސްފަތާލު ތަކުން މި ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަށް ކުރިއަށް ގެންދާނެވެ. އަދި އެޗް.ޕީ.އިން ވަނީ މި ދުވަހާއި ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމަށް ޞިއްޙީ މެސެޖްތައް ހިމެނޭ ގޮތަށް ވައިބަރ ސްޓިކަރ ޕެކްއެއް ތައްޔާރުކޮށް ލޯންޗްކޮށްފައެވެ.
ކޮންމެ އަހަރެއްގެ ވެސް ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އާއްމު ހޭލުންތެރިކަން އިތުރުކުރުމާއެކު ހިތުގެ ބަލިތަކުގެ ޝިކާރައަކަށްވާ މީހުން މަދުކުރުމަށް މަސައްކަތް ކުރުމެވެ. މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހަށް ވޯލްޑް ހާޓް ފެޑެރޭޝަން އިން ކަނޑައަޅާފައިވާ ޝިއާރަކީ : MY HEART, YOUR HEART”" / "މަގޭ ހިތް، ތިބާގެ ހިތް" އެވެ.



