ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރެވޭނެ ކަމަށް މަޖިލިސްއިން ފާސްކުރުމުން މާޒީގެ އަނދިރި ދުވަސްތަކަށް އެނބުރި ދެވުނީ ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޝެއިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2000 ވަނަ އަހަރު މަގުމަތިން ހިނގާފައި ދަނިކޮށް ޕޮލިސް ވޭން އައިސް ކައިރިޔަށް މަޑުކޮށްލާފަ އަރާށޭ ބުނާކަމަށާއި، އަދި ގެންގޮސް ގޮޅީގައި އެތައް ޒަމާނެއް ވަންދެން ހައްޔަރުކޮށް ބަހައްޓާކަމަށެވެ. އެދުވަސްވަރު އެފަދަ ހާދިސާތައް ގިނަ ވުމާއި ގުޅިގެން ކޯޓް އަމުރެއް ލިބިގެން ނޫނީ މީހުން ހައްޔަރު ނުކުރެވޭގޮތަށް ހެދުނު ކަމުގައި ޝެއިޙް ވިދާޅުވިއެވެ.
ޝެއިޙް އިތުރަށް ވިދާޅުވީ މިއަދު ކޯޓު އަމުރަކާ ނުލާ ވަކި ކުށެއްގެ އަހުލުވެރިން ހައްޔަރު ކުރެވޭނެ ކަމަށް މަޖިލިސްއިން ފާސްކުރުމުން މާޒީގެ އަނދިރި ދުވަސްތަކަށް އެނބުރި ދެވުނީކަމަށެވެ.
މީގެ އިތުރުން ކޯޓު އަމުރަކާނުލާ ހައްޔަރުކުރަން މިއުޅެނީ ކޯޓުން އަމުރު ނުލިބޭތީތޯ؟ ޝެއިޙް ވަނީ ސުވާލު އުފައްދަވާފައެވެ. "އިންޓެލް ރިޕޯޓްއަށް އެ އަމުރެއް ލިބޭ ނޫން ތޯއެވެ؟" ޝެއިޙް ވިދާޅުވިއެވެ.
ސަރުކާރުން މިއަދު ވަނީ ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކޮށްފައެވެ. މި ބިލް ފާސްވުމާއި ގުޅިގެން ބޮޑެތި ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެން ދާނެއެވެ.




