މަޖީދިއްޔާ ސްކޫލް ކުރިމަތީ އޮންނަ ހުސްބިމުގައި ބޮޑު ޕާކިން ޒޯނެއް!

މަޖީދިއްޔާ ސްކޫލު ކުރިމަތީ އޮންނަ ހުސްބިމުގައި ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. 

ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ، މާޖީދިއްޔާ ކުރިމަތީގައި އޮންނަ ހުސްބުމުގެ ބޮޑު ބައެއްގައި ޕާކިން އޭރިއާއެއް ތަރައްޤީކުރަން ނިންމާފައިވާ ކަމަށާއި، ޕާކިންގ އޭރިއާގެ އިތުރުން އެތަނުގެ ބައެއް އިށީން ދެލައިގެން ތިބެވޭނެ ގޮތަށް ތަރައްޤީކުރަންވެސް ނިންމަވާފައިވާ ކަމަށެވެ.

މުޅި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ، މިހާރު ކުރަމުން އަންނަނީ ބިންގަނޑު އެއްވަރުކޮށް ގާއެތުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ގާއަތުރާ ނިމުނުހާ އަވަހަކަށް އެސަރަހައްދު ޕާކިންއަށް ހުޅުވާލާނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. އެ ޕާކިން އޭރިއާ ބޭނުން ކުރަން ހަމަޖެހިފައި ވަނީ ސައިކަލު ޕާކު ކުރުމަށެވެ. 

މަޖީދިއްޔާ ކުރިމަތީގައި އޮތް ބިމަކީ، ކުރީގެ، ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒު ހުރި ބިމެވެ. އެ މަރުކަޒު އުވާލުމާއެކު އެތަން އެއްކޮށް ހުހަށް އެތައް ދުވަހަކު ބޭއްވުމަށް ފަހު އެ ސަރަހައްދުގައި ހައުސިން ޔުނިޓު އަޅަން ވެސް ސަރުކާރުން ނިންމިއެވެ. އެކަމަކު، މިހާރު މިވަނީ މާލެއަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ޕާކިން އޭރިއާއަކަށް ބަދަލުކުރަން ނިންމާފައެވެ. 

މާލޭގައި ހުރި ހުސްބިންތަކުގައި ބޮޑެތި އިމާރާތްތައް އެޅުން ހުއްޓާލާއި އެތަންތަނުގައި ވެހިކަލް ޕާކުކުރެވޭނެ އިންތިޒާމުތަކާއި ހިތްފަސޭހަ މައިޒާންތައް ހެދުމަކީ މި ސަރުކާރުގެ ވިސްނުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ