މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ބަޔާނުގެ މައްސަލަ ތަޙްޤީޤުކޮށް، ޒިންމާވާ ފަރާތްތަކަށް ދައުވާކޮށްދިނުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އަދާލަތު ޕާޓީން މިހެން ގޮވާލާފައިވަނީ، "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް"ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ރިޕޯޓާ ގުޅޭގޮތުން މިއަދު ޢާއްމުކުރި ނޫސްބަޔާނެއްގައެވެ.
އަދާލަތު ޕާޓީން ބުނީ، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ރިޕޯޓުގައި، ގަދަކީރިތިވަންތަ މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ރައްބުވަންތަކަމާމެދު ޝައްކު އުފައްދާ، އެ އިލާހުގެ ވަޙީބަސްފުޅު ކީރިތި ޤުރުއާނުގެ ސައްޙަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދާ، އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު ﷺ ގެ އަބުރުފުޅާއި އެ މާތް ސާހިބާގެ މަތިވެރި ޝަޚްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް ރިޕޯޓުގައި ހިމަނާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި އަމަލަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމްނު އަމާންކަމާއި ދާޚިލީ ހަމަޖެހުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލެއް ކަމަށާއި، މި އަމަލު އެންމެ ހަރުކަށި ޢިބާރާތުން ޢަދާލަތު ޕާޓީއިން ވަނީ ކުށްވެރިކޮށްފައެވެ.
"މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 94/6 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2003/1 ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 20 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކުރެވިފައިވާ ކުށަކަށް ވާތީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ މި މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލަން." އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދާލަތު ޕާޓީން ބުނީ، އެ ރިޕޯޓަކީ 2016 ވަނަ އަހަރު އާންމު ކުރެވި، އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަނބުރާ ގެންދެވިފައިވާ ރިޕޯޓެއްކަމުގައި ވިޔަސް އެ ރިޕޯޓަކީ ދިވެހިރާއްޖޭގެ ހާލަތުކަމަށް ސިފަކޮށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ހިއްސާކުރެވިފައިވާ ރިޕޯޓަކަށްވެފައި، އެ ރިޕޯޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީ ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
ޖަމްއިއްޔާއެއްގެ ޝަޚުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.



