އިސްލާމްދީނާއި ރަޞޫލާ ދިފާއުކުރުމަކީ މުސްލިމުންގެ ވާޖިބެއް

އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވެފައިވަނިކޮށް، އިސްލާމްދީނާއި ރަސޫލާ ދިފާއުކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ތާރީޚްލިޔުއްވާ މުއައްރިޚުން ފާހަގަ ކުރައްވާގޮތުގައި އިންސާނުން އަޚްލާޤީ ގޮތުންނާއި ދީނީ ގޮތުން އެންމެ ދަށުދަރަޖައަކަށް ވެއްޓިފައިވީ ދުވަސްވަރަކީ، މީލާދީ ގޮތުން ފަސްސަތޭކައިގެ އަހަރުތައް ކަމަށާއި، އެދުވަސް ވަރުގެ މުޖުތަމަޢުތަކުގައި އަރައި ނުގަންނަ ފާފައެއް، ނުކުރާ ހަޑިމުޑުދާރު އަމަލެއް ނެތްކަމަށެވެ.

އެފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، ކޯފާގެ މިފުން އަނދަވަޅުން އިސްނާނީ ނައުޢު ސަލާމަތް ކުރެއްވުމަށް މާތްﷲ އިޚްތިޔާރު ކުރައްވައި ފޮނުއްވި މާތް ރަޞޫލު ބޭކަލަކީ، މާތް ނަބިއްޔާ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކަމަށެވެ.

މިއަދުގެ ޚުތުބާގައި ވަނީ އެމާތް ސާހިބާގެ މަތިވެރިކަމާއި މަޤާމު ވަރަށް ސާފުކޮށް ބުނެދެއްވާފައެވެ. އަދި އެކަލޭގެ ފާނަށް ލޯބި ކުރުމާއި ކިޔަމަތްތެރިކަން އަދާކުރުމުގެ މުޙިންމުކަމާއި ބޭނުން ތެރިކަންވެސް ވަރަށް ރަންގަޅަށް މިއަދުގެ ޚުތުބާގައި ވަނީ ބަޔާން ކޮށްދެއްވާފައެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް އީމާން ވުމަކީ އީމާންކަމުގެ ރުކުނެއްކަމަށާއި، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެ ފާނުގެ މަތިވެރި މަޤާމަށް ޤަދަރުކޮށް އިޙްތިރާމްކޮށް އަދަބުތަޢުޡީމް އަދާކުރުމަކީ އިސްލާމް ދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

އެމީހެއްގެ އަމިއްލަ ނަފްސާއި މުދަލާއި އަނބިދަރިނަނަށްވުރެ ބޮޑަށް އެކަލޭގެ ފާނުދެކެ ލޯބިވެ އެކަލޭގެ ފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނޭކަމަށާއި، އެކަލޭގެފާނާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތު ކުރުމާއި، ކުޑައިމީސް ބަސްބުނެ، ފުރައްސާރަ ކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ޢަމަލެއްކަމުގައި ޚުތުބާގައި ވަނީ ވިދާޅުވެފައިއެވެ.

މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަޞޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކު ވާކަމަށާއި މިކަމަކީ އިއްޔެއަކު މިއަދު ކުރިމަތިވެގެން އުޅޭ ކަމެއް ނޫންކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށްވެސް މި ދުއްތުރާތަކާއި ވަނީ ކުރިމަތިވެވަޑައިގެންފައިކަމަށާއި، ނަމަވެސް އެފަދަ ފުރައްސާރަވެރިން މާތްﷲ ވަނީ ނިކަމެތިކުރައްވައި އެކަލާނގެ ނަބިއްޔާއަށް ނަޞްރު ދެއްވާފައިކަމުގައި ވިދާޅުވެފައިވެއެވެ.

އިސްލާމް ދީނާއި މާތް ނަބިއްޔާ ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއްކަމަށް ވިދާޅުވެ ޚުތުބާގައި ވިދާޅުވެފައިވަނީ ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ކުރުމަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ