މިރޭ މެންދަމުގެ ވަގުތު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން މެދުރާއްޖެތެރެއިން މ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ.
މިރޭ 23:00 އިން ފަތިހު 04:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
White Alert for heavy rain and thunderstorms pic.twitter.com/bYTgW9sPXN
— Maldives Meteorology (@MetMaldives) October 16, 2019
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.



