ކޯޓުން ބޭރުން ނޫމަޑި މައްސަލަ ނިންމީ ދަޢުލަތް ބަނގުރޫޓުވުމުން ސަލާމަތްކުރަން: އަމީރު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ މައްސަލަ ކޯޓުން ބޭރުގައި ނިންމީ ދަޢުލަތް ބަނގުރޫޓުވުމުން ސަލާމަތްކުރުމަށްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައިވާއިރު، ނޫމަޑި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން 55 މިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ދައްކާފައިވަނީ މިދިޔަ އޮގަސްޓްމަހުއެވެ.

ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އޭރު ސަރުކާރުގައި ތިބި ވަޒީރުން ނޫމަޑިއާއ އެއްކޮޅަށް ހެކިބަސް ދީފައިވާތީ، ދަޢުލަތް ބޭންކްރަޕްޓްވުމުން ސަލާމަތްކޮށްދިނުމަށް ނޫމަޑިއާއެކު ކޯޓުން ބޭރުން ސެޓްލްމަންޓް އެގްރީމެންޓެއް ހެދިފައިވާކަމަށެވެ. އަދި މިމައްސަލަގައި ދައުލަތާ ދެކޮޅަށް ހެކިބަސް ދިނީ ކޮން ވަޒީރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އެހެންނަމަވެސް ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދިން ބަޔާންތަކަކާއި ގުޅިގެން އޭނާ ހާޟިރުކުރުމަށް ނިންމާފައިވާ ކަމަށް ކިބިނދޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިޒުވަނީ ވިދާޅުވެފައެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (“ނޫމަޑި”) އިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް ސަތޭކަ ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރުއާއި އާބިޓްރޭޝަނާގުޅޭ އިތުރު ޚަރަދުތައް ހޯދުމަށްއެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށްވަނީ ދެ މައްސަލައެއް ހުށަހެޅިއެވެ.

ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި 2 މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖެނުއަރީ 2011 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން “ފޭސް 1 އެއްބަސްވުން” އާއި 500 ހައުސިންގެ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް 1 އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ދެމެދު 30 މެއި 2013 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން “ފޭސް 2 އެއްބަސްވުން” އާއި ގުޅިގެން ހުށަހެޅުނު މައްސަލަތަކެކެވެ.

ނޫމަޑިގެ ފަރާތުން މިމައްސަލަތައް ހުށަހަޅާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާޠިލުކުރުމާއި ގުޅިގެންނެވެ.

ނޫމަޑިއާއެކު ސެޓްލްމަންޓް އެގްރީމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ 25 އޮގަސްޓް 2019 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ